ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްސީ) އިން ބުނެފި އެވެ.

އެންޑީއެމްސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ބައެއް ރަށްރަށަށް އުދައެރުމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް އަދި މިހާތަނަށް އުދައެރުމުގެ ސަބަބުން ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

އުދައަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ރަށްތަކުގެ ތަފްސީލު ލިބޭނީ އެކަމުގެ ރިޕޯޓް ނިމުމަށް ފަހުގައި ކަމަށް އެންޑީއެމްސީ އިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް، އަދި މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައެއްނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކަށް އިއްޔެ އާއި މިއަދު ވަނީ އުދަ އަރައިފަ އެވެ. އެގޮތުން ފުވައްމުލަކުގެ މާލެގަމު އަވަށަށް ގަދަކޮށް އުދަ އެރި ކަމަށާއި ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެނގިފައިވެ އެވެ.

އެންޑީއެމްސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ރައްޔިތުންގެ ރައްކާތެރިވުމުުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

މިގޮތުން އުދަ އެރުމުގެ ސަބަބުން ގޭގެއަށް ލޮނުވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ވުމުގެ ކުރިން އެތަކެތި ރައްކާތެރި ތަނަކަށް ބަދަލުކުރުމަށާއި މޫސުމާ ގުޅޭ ގޮތުން ހަބަރު ފަތުރާ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތައް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.