ޖެހިޖެހިގެން ހަވަނަ މަހު ފީފާ ރޭންކިންގައި ދިވެހިރާއްޖެއަށް ސާކް ސަރަހައްދުގެ އެއްވަނަ މަގާމް ލިބިއްޖެ އެވެ.

ފީފާއިން މިއަދު އާންމު ކުރި މި އަހަރުގެ ފަހު ރޭންކިންގައި ރާއްޖެ އޮތީ މިދިޔަ މަހު ވެސް އޮތް ރޭންކްގަ އެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގައި ދުނިޔޭގެ 159 ވަނައިގަ އެވެ. ސަރަހައްދުގެ އެއްވަނައިގައި ރާއްޖެ އޮތީ މިދިޔަ އޯގަސްޓް މަހުން ފެށިގެންނެވެ.

މި މަހުގެ ރޭންކިންގައި ރާއްޖޭގެ ފަހަތުން ސަރަހައްދުގެ ދެވަނައިގައި އޮތީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އެވެ. އިންޑިއާ ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. އިންޑިއާ ވަނީ ރޭންކިންގެ 167 ވަނައަށް ވެއްޓިފަ އެވެ.

ސަރަހައްދުގެ ތިންވަނާގައި އޮތް ބަންގްލަދޭޝް އޮތީ 168 ވަނައިގަ އެވެ. ބަންގްލަދޭޝް ވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ސަރަހައްދުގެ ހަތަރުވަނަ އަށް އެރި ޕާކިސްތާން ވަނީ ނަވާރަ ދަރަޖައިގެ ކުރިމެއް ލިބިފަ އެވެ. ޕާކިސްތާން އޮތީ ރޭންކިންގެ 170 ވަނާގަ އެވެ. ސަރަހައްދުގެ ފަސްވަނައިގައި އޮތް ނޭޕާލް ވަނީ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ނޭޕާލް އޮތީ 174 ވަނައިގަ އެވެ.

ޑިސެމްބަރު މަހުގެ ރޭންކިންގައި އެންމެ ބޮޑަށް ފަހަތަށް ޖެހުނީ އަފްގާނިސްތާނެވެ. އެ ގައުމު 39 ދަރަޖަ ފަހަތަށް ޖެހި، މިހާރު އޮތީ ރޭންކިންގެ 189 ވަނައިގަ އެވެ. 36 ދަރަޖަ ފަހަތަށް ޖެހި، އަފްގާނިސްތާނަށް ވުރެ ފަހަތުން 193 ވަނައިގައި އޮތީ ސްރީ ލަންކާ އެވެ. މި މަހު ވެސް ސާކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތީ ބޫޓާނެވެ. ބޫޓަން އޮތީ 207 ވަނައިގަ އެވެ.

ފީފާ ރޭންކިންގެ ދުނިޔޭގެ އެއްވަނައިގައި އަދިވެސް އޮތީ އެންމެ ފަހުގެ ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އެވެ. ސްޕެއިންގެ ފަހަތުން ދެވަނައިގައި އޮތީ ޖަރުމަނެވެ. އާޖެންޓީނާ ތިން ވަނައިގައި އޮތްއިރު، އިނގިރޭސީން ވަނީ ހަތަރުވަނައަށް އަރައިފަ އެވެ. އަދި އިޓަލީ ވަނީ ފަސް ވަނައިގައި ވެއްޓި ކޮލަމްބިއާ ހަވަނައަށް ވެއްޓިފަ އެވެ.