އެމްބީސީގެ ދަށުން ހިންގާ ޗެނަލްތައް ރީބްރޭންޑް ކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ ޓީވީ އެމްއާއި ދިވެހި ރާއްޖޭގެ އަޑާއި ދިވެހި އެފްއެމް ވަނީ މިއަދު ރީބްރޭންޑްކޮށް އެ ޗެނަލްތަކުގެ ލޯގޯވެސް އިފްތިތާހުކޮށްފަ އެވެ.

"އެއްބައެއް އެކަމެއް އެއްއަމާޒެއް" މި ޝިއާރުގެ ދަށުން މިއަދު ހަތަރު ޗެނަލްގެ ލޯގޯ ތައާރަފް ކުރިއިރު، ޓީވީއެމް ކްލަބާއި އެމްބީސީ ކްލަބް އެއްކޮށްލާ ކްލަބް އެމްބީސީގެ ލޯގޯ ވެސް ވަނީ ތައާރްފަކޮށްފަ އެވެ.

އެމްބީސީން ބުނީ ލޯގޯ ހެދިއިރު ބޮޑަށް ބަލާފައިވާނީ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަ ދައްކުވައިދެވޭތޯ ކަމަށާއި އަދި އެމްބީސީގެ މެއިން ބްރޭންޑް ސަބް ބްރޭންޑްތަކަކަށް ބަހާލައިގެން ހެދޭތޯ ކަމަށެވެ.
އެމްބީސީގެ ދަށުން ޓީވީއާ ރޭޑިއޯ ހިންގަން ފެށިތާ އަހަރެއް ފުރުމާ ދިމާކޮށް ތައާރަފް ކުރި ލޯގޯގޯގައި ހިމެނޭ މައިގަނޑު ކުލަތަކަކީ ރަތާއި ފެއްސާއި ހުދާއި ނޫ ކުލަ އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ދިގު މާޒީއެއް އޮތް ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ދައުލަތުގެ ބަޖެޓުން ހިންގަމުން އައިސް އެދެ ޗެނަލް އެމްބީސީގެ ދަށަށް ބަދަލު ވުމުން އައި ބަދަލާއެކު މަސައްކަތް ކުރީ ވިޔަފާރި ވިސްނުމެއްގައި ރައްޔިތުން ބޭނުންވާ ޕްރޮގްރާމްތަކެއް ފޮނުވުމަށްވުރެ އާމްދަނީއަށް ވިސްނައިގެން އާމްދަނީ އިސްކޮށްގެން ބްރޯޑް ކާސްޓު ކުރުމަށް ކަމަށް އެމްބީސީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ 14 ފެބްރުއަރީގައި ގާނޫނަކުން ގެނައި ބަދަލަކާއެކު ކުއްލިއަކަށް ގެންނަން ޖެހުނު ބަދަލަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މޮންދު ވިދާޅުވި އެވެ.

"އޮންއެއާ ކުރެވޭ ކޮންމެ މިނިޓަކީ ވެސް އާމްދަނީ ލިބެނިވި ގޮތަކަށް ބައްޓަން ކުރަންޖެހޭ ގޮތަށް ގެންގުޅުނު ފިކުރު ސީދާ އެއާ އިދިކޮޅު ނޫން ނަމަވެސް ގައުމު ބައްޓަން ކުރުމަށް ބަދަލު ކުރަން ޖެހުނު،" މޮންދު ވިދާޅުވި އެވެ.

އެމްބީސީއަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް ހެދުމަށް ކުރަންޖެހުނު މަސައްކަތަކީ ބޮޑު ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައި މޮންދު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގެ ދިގު މާޒީގައި ސިޔާސީ ބޭނުންތަކަށްޓަކައި އެކި ފަހަރު ތަފާތު ގޮތްގޮތަށް ހަބަރާއި ޕްރޮގްރާމްތަކުގެ ޕޮލިސީތައް ބައްޓަން ކޮށްފައިވާތީ އިތުރުބާރު ދެމެހެއްޓުމަށް ހުރަސްއެޅިފައިވާތަން ފެނިފައިވާ ކަމަށެވެ. މިއަދުގެ މަސައްކަތަކީ އެ އިތުބާރު ހޯދާއި ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުން ކަމަށް ވެސް މޮންދު ވިދާޅުވި އެވެ އެވެ.

އެމްބީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަފީގް މަހުމޫދް ވިދާޅުވީ މިއަދު އެމްބީސީގެ ގާނޫނާ އެއްގޮތަށް ހަބަރާއި ޕްރޮގްރާމްތައް ބައްޓަން ކުރުމުގެ އިންތިގާލީ މަރުހަލާއެއް ފުރިހަމަ ކުރާއިރު އޮތް ގޮންޖެހުމަކީ ކުރިން އޮތް ސަގާފަތާއި އެއްގޮތަށް އެމްބީސީގެ ޕްރޮގްރާމްތަކާއި ހަބަރުގެ ކޮންޓެންޓްތައް ބެހެއްޓުމަށް ފުރުސަތު ނުދިނުމުން ކުރިމަތިވެފައިވާ ނުރުހުމުގެ އޮއިވަރެއް ކަމަށެވެ.

"ފޯނު ކޯލަކަށް ނޫނީ ވިދާޅުވާ ވިދާޅުވުމަކަށް ނޫނީ އަމުރަކަށް ސިޓީފުޅަކަށް މި ކޯޕަރޭޝަންގެ ޗެނަލާއި ހަބަރާއި ޕްރޮރާމްތަކަށް ގެނެވޭ ބަދަލެއް މިހާރު ނޯންނާނެ،" އެމްބީސީގެ އެމްޑީ ވިދާޅުވި އެވެ.