ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެޑްރިޑް ކުޅުނު މެޗު 1-1 ލަނޑުން ނިމުނު ނަމަވެސް، އެނަތީޖާއަށް އިތުރު ބަދަލުތަކެއް އައި ނަމަ އެ މެޗުގެ ކަންތައް އިތުރަށް ގޯސް ވެގެންދިޔައީސް ކަމުގައި މެޑްރިޑްގެ ސްޕެއިން މިޑްފީލްޑަރު ޒަބީ އަލޮންސޯ ބުނެފި އެވެ.

ސްޕެއިންގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ބެލެވޭ ކްލަބު މެޑްރިޑުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑަށް އެ ލަނޑު ޑެނީ ވެލްބެކް ކާމިޔާބު ކޮށްދީ ލީޑު ހޯދައިދިންތާ ދިހަ މިނެޓް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ޔުނައިޓެޑް އަތުން މެޑްރިޑް 1-1 ލަނޑުން އެއްވަރުވި ނަމަވެސް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ހުރިހާ ފުރުސަތެއް ވެސް އޮތް ކަމަށް އަލޮންސޯ ގަބޫލުކުރެ އެވެ.

"މިއީ އެންމެ ރަނގަޅު ނަތީޖާއެއް ނޫން. މެޗުގެ ނަތީޖާ އިތުރަށް ގޯސްވެގެން ދިޔައީސް. އަހަރެމެން މެޗު ފަށައިގަތީ ވަރަށް ރަނގަޅަށް. އެކަމަކު ޔުނައިޓެޑުން ޖެހި ގޯލާއެކު ކަންތައް ބަދަލުވެގެންދިޔަ. ދެވަނަ ހާފްގައި ޔުނައިޓެޑުން އަހަރެމެން ވަރުގަދަ އަށް ހިފަހައްޓާން ވަރަށް މަސައްކަތްކުރި." އަލޮންސޯ ބުންޏެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި އޮންނަ ދެވަނަ ލެގުގެ މެޗަށް މެޑްރިޑުން ނުކުންނާނީ މޮޅުވާން ކަމަށް ވެސް އަލޮންސޯ ބުނެފައި ވެއެވެ. "މެންޗެސްޓާ ގައި އޮންނާނެ މެޗަކީ ވަރަށް ވަރުގަދަ މެޗެއް. އަހަރެމެން އެމެޗަށް ނުކުންނާނީ މޮޅުވާން. އެހެންވެއްޖެ ނަމަ، އަހަރެމެންނަށް ކުއާޓާއަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވާނެ." އަލޮންސޯ ބުންޏެވެ.

ދެވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާން ހަމަޖެހިފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހު މެންޗެސްޓާގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގަ އެވެ.