14 Feb 2013, 14:59
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޝާހިދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރަށް ފުލުހުން އޭނާ ދޫކޮށްލައިފި އެވެ.
އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ކުށެއްގެ ތުހުމަތުގައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހަޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ބުނާގޮތުން ކޯޓުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނީ ފިލައިފާނެކަމުގެ ބިރާއި ހެކި ފޮރުވަފާނެ ކަމަށް ފެންނަ ހިނދުގައި އެކަނި ކަމަށެވެ.
ކްރިމިނަލް ކޯޓުން މުހައްމަދު ޝާހިދުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިރު ހެކިފޮރުވުމަށް މަސައްކަތް ކޮށްފާނެތީއާ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
ނަމަވެސް އެއަމުރު ބާތިލްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޚިޔާނާތުގެ މައްސަލައަކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހިނގާފައިވާ ކަމަކަށް ވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ މިއަހަރު ކަމަށެވެ. އަދި މިހާރު އޭނާ އަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފެއް ނޫންކަމަށާއި އޭނާ ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ފަރާތުން ތަހުގީގަށް ނަގަންޖެހޭ ބަޔާން ނަގާފައިވާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ފުލުހުންނަށް ވުރެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަ ތަހުގީގުކޮށްފައިވާއިރު މުހައްމަދު ޝާހިދުގެ ކުށުގެ ރެކޯޑަށާއި އެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށް ފަހު މިހާރު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވެއެވެ.
މުހައްމަދު ޝާހިދުގެ އިތުރުން ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދާއި މއ. އެވަގްލޯރީ އަހުމަދު އާރިފު އެވެ. އެ އެންމެންގެ ބަންދުގެ މުއްދަތުވެސް 15 ދުވަހަށް އިތުރުކޮށްފައިވާތީ މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.