14 Feb 2013, 14:51
މީގެ ހަތް އަހަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގާނޫނުލް އުގޫބާތުގެ ބިލްމަޖިލީހުން ދިރާސާކޮށް ނިންމައި، މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށް، އެ ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ. ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް 2006 ވަނަ އަހަރު ހުށަހެޅި ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން މިއަދު އާންމުކޮށްފައިވާ އެ ބިލުގެ ޑްރާފްޓުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށެވެ. އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބުނެ އެވެ. ސުން ދަރަޖައިގެ ކުށުގެ އަދަބަކީ މަރުގެ އަދަބު ނުވަތަ 11 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުން އުކޫބާތުގައި މަރުގެ އަބަދު ނުދޭ ނަމަ، ޖަލު ހުކުމަކަށް އެ ހުކުމް ބަދަލުކުރެ އެވެ. އެއީ 25 އަހަރުގެ ޖަލު ހުކުމެކެވެ. މީހަކު މަރާލި ގާތިލަކަށް ލިބޭ އަދަބު ލުއި ކުރާނެ އުސޫލު ބަޔާންކޮށް ބިލުގައި ބުނެފައި ވަނީ ފަރުވާކުޑަ އަމަލަކުން މީހާކު މަރުވާން ދިމާވުމުން ސިކުނޑިއަށް ނުވަތަ ޖަޒުބާތައް އިންތިހާ އަށް އަސަރުކޮށްފައިވާ ހާލަތްތަކުގައި މީހަކު މަރާލި ކަމުގެ ކުށަކަށް ނުވާނެ އެވެ. އަދި މަރާލީ ސިކުނޑިއަށް ނުވަތަ ޖަޒުބާތައް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައި ހުރެ ކަމަށް ވެއްޖެ ނަމަ އެއީ އެކަން ކުރި މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލީ ކަމަށް ނުބެލެވޭނެ އެވެ. އަދި މީހަކު މަރާލީ އެކަށީގެންވާ ސަބަބަކާ ހުރެ ކަމަށްވާ ނަމަ އެއީ މަރުގެ އަދަބު ކަނޑައެޅޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ. "އެ ކުރި އަމަލަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، އެ ސަބަބު އެކަށީގެންވާ ކަން އެ އަމަލު ހިންގި މީހާ ހުރިކަމަށް ގަބޫލު ކުރެވޭ ހާލަތުގައި ހުންނަ އެހެން މީހެއްގެ ނަޒަރަކުން ކަނޑައެޅިގެން ދިއުން،" މަރުގެ އަދަބަކަށް ނުވާނެ ހާލަތައްތައް ބަޔާން ކުރާ މާއްދާއެއްގައިވެ އެވެ. މަޖިލީހުން ދިރާސާކޮށް ނިންމި 280 ސަފްހާގެ ބިލުގައި ބުނަނީ ގަސްތަކާ ނުލައި ކުރި ކުށަކުން މީހަކު މަރުވެއްޖެ ނަމަ އެ މީހާގެ މައްޗަށް މަރުގެ އަދަބެއް ނާންނާނެ އެވެ. އެއާގެ މައްޗަށް އަންނާނީ ޖިނާއަތުގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ޖަލު ހުކުމެކެވެ. މީހަކު މެރުމަށް ދަށު ކޯޓަކުން ހުކުމްކޮށްފި ނަމަ އެ ހުކުމް އޮޓަމެޓިކުން އެ ހުކުމް އިސްތިއުނާފުވާނެ ކަމަށެވެ. އެ މާއްދާގައި ބުނަނީ ކުށުގެ އަދަބެއްގެ ގޮތުން ކުއްވެރިޔާ މެރުމަށް ކޯޓުން ހުކުމްކޮށްފި ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގެ ކަން ހިނގާފައިވާ ގޮތް، ދިވެހިރާއްޖޭގެ ހައި ކޯޓުން އަލުން މުރާޖާ ކުރަންވާނެ ކަމަށެވެ. މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން އެ މަސައްކަތް ކުރެއްވުމަށް ފަހު، މިބިލުގެ ދެލިކޮޕީ އަށް ހިޔާލު ހޯއްދެވުމަށް އަންނަ މަހުގެ 31 ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.