ކ. ހިންމަފުށީ އައްސޭރި ޖަލު ނުވަތަ ކުރީގެ ގާމާދޫ ޖަލުގެ ސަރަހައްދުން ފެނުނު މިނި ކަށިތަކަކީ ވ. ކެޔޮދޫ ބަށިގަސްދޮށުޣޭ އަބްދުﷲ އަނީސްގެ ކަށިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޝްހޫރު ތާރީހު އިލްމުވެރިޔާ ހ. ޝަފީގުގެ އަހުމަދު ޝަފީގުގެ ކުރުވާހަކަތަކުގެ އެއް ވަނަ ބަޔާއި އޭނާގެ "ހަޔާތުން  ދުވަހެއް" ނެރެ ދެއްވުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން 19 ސެޕްޓެމްބަރު 2009ގައި ގާމާދޫ ޖަލު ސަރަހައްދުން ފެނުނު މިނި ކަށިތަކަކީ ވ. ކެޔޮ ބަށި ގަސްދޮށުގޭ އަބްދުﷲ އަނީސް ގެ ކަށިތައް ކަމަށެވެ.


ގާމާދޫ ޖަލުގެ ސަރަހައްދަކީ އެ މަނިކުފާނުގެ ހަޔާތުގެ ވަރަށް ގިނަ ދުވަސްތައް ހޭދަ ކުރައްވަން ޖެހުނު ސަރަހައްދަކަށް ވުމުން އެ ސަރަހައްދުގެ ތަންތަނާއި ކަންކަން ވަރަށް ސާފުކޮށް އެމަނިކުފާނަށް އެނގިވަޑައި ގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.


"އަޅުގަނޑު ހިތަށް އެރީ މި ކަށިތައް ވާނީ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސްގެ ކަށިތަކަށޭ. ތިޔަ ބޭފުޅުން އަޖައިބުވާނެ އަޅުގަނޑު މިހެން ދެންނެވީމަ. އަޅުގަނޑު ހިތަށް އެރީ އެވާނީ އަތްބަޅޭ އަށޭ!" ރައީސް ވިދާޅުވި އެވެ.  "މިދަންވާހެން އެ މީހަކީ އަބްދުﷲ އަނީސް"


ރައީސް ވިދާޅުވީ އަނީސް މަރުވީ ގާމާދޫ ޖަލުގައި ކަމަށާއި ނަމަވެސް އޭރުގައި އިއުލާނު ކުރީ އޭނާ ޖަލުން ފިލައިގެން ދިޔައީ ކަމަށް ކަމަށެވެ. އެއީ ކޮން ދުވަސްވަރެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.


"އަޅުގަނޑުމެނަށް މިކަށިތައް ފެނުނުމުން ތަހުގީގުގައި ޑީއެންއޭ ޓެސްޓް ހަދަން ފޮނުވީ ތައިލެންޑަށް. ޓެސްޓް ހެދީމަ އަޅުގަނޑުމެނަށް ސާފުވެއްޖެ އެކަން،" ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑީއެންއޭ ޓެސްޓް ހެދުމުން އަނީސް މަރުވި ދުވަސްވަރާއި ކަށިތަކުން ދައްކާ ދުވަސްވަރާ ދިމާވާ ކަމަށާއި އުމުރު ވެސް އަނީސްގެ އުމުރާ ދިމާވާ ކަމަށެވެ.


"އަޅުގަނޑުމެން ތަހުގީގު ފެށުމުން ތަހުގީގު ޓީމުން ބުނި ހިންމަފުށީގެ ސަހަރާ ކޮނުނު އިރެއްގައި އެތަނުން ގާމާދޫ ސަރަހައްދަށް ވެލި ގެނައޭ ތިޔަ ވާނީ އެތަނުން ގެނެވުނު ކައްޓަށޭ. އަޅުގަނޑު ލޮލުން ބަލަބަލާ ހުއްޓައޭ ހިންމަފުށިން ވެލިގެނައީ. އަޅުގަނޑަށް އެނގޭނެތާ އެއީ އެ ވެލި ނޫންކަން." ރައީސް ވިދާޅުވި އެވެ.  


ރައީސް ނަޝީދު ވިދާޅުވީ ކަށިތަކުގެ ތަހުގީގާ ގުޅިގެން، ކުރިން ގާމާދޫ ޖަލު ބެލެހެޓި މީހެއް ކަމަށްވާ ގދ. ހޯޑެއްދޫ މުރަކަ، މުހައްމަދު ނައީމުގެ ބަޔާނެއް ވެސް ނަގާފައިވާ ކަމަށާއި އަނީސް ޖަލުން ފިލައިގެން ނުދާ ކަމަށާއި އޭނާ މަރުވީ ގާމާދޫ ޖަލުގައި ކަމަށް ނައީމު ބުނެފައިވާ ކަމަށެވެ.


ރައީސް ވިދާޅުވީ މި މައްސަލައިގައި މިހާރު ލިބެން ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕީޖީ އޮފީހަށް ހުށެހެޅޭ ވަރަށް "ތަހުގީގު ފައްކާކުރެވިފައިވާ" ކަމަށެވެ.


މީގެ އިތުރުން ރައީސް ވިދާޅުވީ ތާރީހު އިލްމުވެރިޔާ އަހުމަދު ޝަފީގު އޭނާގެ ޑައިރީތަކުގައި ބަޔާންކޮށްފައިވާ ވީނުވީ ގޮތެއް ނޭނގި މަރާލާފައިވާ 111 މީހުންގެ މައްސަލަ ވެސް އެ މޭރުމުން ބައްލަވައި ތަހުގީގު ކޮށްދެއްވާނެ ކަމަށާއި އެކަން ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.  


ގާމާދޫ ޖަލު ސަރަހައްދުން މިނިކަށިތައް ފެނިފައި ވަނީ ލޯލެވެލް ސެކިއުރިޓީގައި ގައިދީން ގެންގުޅޭ އައްސޭރި ޖަލުގެ ގައިދީންތަކެއް ގަސް އިންދަން ކޮންނަނިކޮށް 19 ސެޕްޓެމްބަރު 2009 ގަ އެވެ. އެ ތަނުން އެ ކަށިތައް ނަގައި އެ ރަށު ގަބުރުސްތާނުގައި ވަޅުލާފައިވަނިކޮށް، ފުލުހުން ގޮސް ކޮނެގެން އެ ކަށިތައް ނަގައި ތަހުގީގީގު ފެށުމަށް ފަހު ޑީއެންއޭ ހެދުމަށް ތައިލެންޑަށް ފޮނުވި ފަހުން އެ މައްސަލައާ ބެހޭ ގޮތުން ފުލުހުން މައުލޫމާތު ދީފައެއް ނުވެ އެވެ.


ގާމާދޫން ފެނުނު ކަށިތަކުގެ ތެރޭގައި 14 ދަތާއި ކޯކަށިގަނޑުން ބަޔަކާއި ބޮލުގެ ނާށިގަނޑުގެ ދެ ބަޔަކާއި މައިބަނދައިގެ ދެ ބަޔަކާއި މޭކަށިތަކެއް ކަމަށް ބެލެވޭ ބަޔަކާއި، ކުޑަހުޅާއި އުޅަބޮށީގެ ބައެއް ކަމަށް ބެލެވޭ ކަށިތަކެއް ހިމެނެ އެވެ. ފުލުހުން ވަނީ އެ ސަރަހައްދު ފަސްފޫޓް ފުޅާ އަދި ދެ ފޫޓް ފުންމިނަށް އިތުރަށް ކޮނެ ބަލައިފަ އެވެ. ފުލުހުން ބުނީ އެ ތަނުން ކުދިކުދި ކަށިކޮޅުތައް ފެނިފައިވާ ކަމަށެވެ.