14 Feb 2013, 14:49
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކޮށްފައިވާ އަމުރު މިހާރު ބާތިލްވެފައިވާ ކަމަށާއި އެހެންކަމުން ހައި ކޮމިޝަންގައި ނަޝީދު ފިއްލަވައިގެން އިންނެވުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ސީއެންއެން-އައިބީއެން އަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކޮށްފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުގެ ތެރެއިން ގެއްލުވާލުމާ ގުޅިގެން ކުރާ ޝަރީއަތުގެ އަޑުއެހުމަށް ނަޝީދު ހާޒިރުނުވުމުން ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކަމަށެވެ.
"ފުލުހުންނަށް އަމުރުކޮށްފައި ވަނީ އިއްޔެގެ ހަވީރު ހަތަރެއް ޖަހާއިރު އޮތް އަޑުއެހުމަށް ނަޝީދު ހާޒިރުކުރުމަށް. އެ މުއްދަތު މިހާރު ވަނީ ފަހަނަ އަޅައި ގޮސްފައި. އެހެންކަމުން ނަޝީދު ހައްޔަރުކުރުމަށް ފުލުހުންނަށް ކުރި އަމުރު މިހާރު ވާނީ ބާތިލްވެފައި..." މަސްއޫދު އިމާދު ވިދާޅުވި އެވެ.
ސީއެންއެން-އައިބީއެންގައި ވާހަކަ ދައްކަވަމުން މަސްއޫދު އިމާދު އިތުރަށް ވިދާޅުވީ ނަޝީދު ހައި ކޮމިޝަނުން ނުކުތް ނަމަވެސް، ފުލުހުން އޭނާ ހައްޔަރު ކުރާން ނޫޅޭނެ ކަމަށާއި ހައި ކޮމިޝަންގައި ނަޝީދު ފިއްލަވައިގެން އިންނެވުމުގެ އިތުރު ބޭނުމެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު އިންޑިއަން ހައި ކޮމިޝަންއަށް ވަޑައިގެން، އިންޑިއާގެ އެހީތެރިކަމަށް އެދިފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. ނަޝީދުގެ އެދިވަޑައިގަތުމަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްޑީޕީއިން ބުނެފައިވާ އިރު، އެ މައްސަލައިގައި ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރާނެ ކަމަށް އިންޑިއާ އިން ބުނެއެވެ.