14 Feb 2013, 14:40
ރާއްޖޭގެ އެތުލެޓިކްސް ތާރީޚްގައި ފުރަތަމަ ފަހަރަށް ދިގު ދުވުންތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ގޮތަށް އެތުލެޓިސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް މިއަދު ވިދާޅުވީ، އެ ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ބޭނުންކުރާނީ ޓޯޓަލަ ފިޓްނަސް ގްރޫޕް (ޓީ އެފް ޖީ) އާއި އެ އެސޯސިއޭޝަން ގުޅިގެން މާދަމާ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮކާކޯލާ ލޯންގް ރަން"ގައި ކަމަށެވެ.
ދުވުމުގައި ބައިވެރިވާ އެތުލީޓުން ދުވި ވަގުތާއި ނިންމާ ވަނަ ވަގުތުން އެނގޭގޮތަށް ތައްޔާރުކޮށްފައިވާ "އާރު އެފް އައި ޑީ ޓައިމިން" ސިސްޓަމަކީ އިންޓަރނޭޝަނަލް އެތުލެޓިކްސް ފެޑެރޭޝަނުން އެޕްރޫވްކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ދިގުދުވަންތަކުގައި ބޭނުން ކުރަމުން އަންނަ ސިސްޓަމެކެވެ.
އެ ސިސްޓަމް ބޭނުންކުރުމުން ވަނަ ހޮވުމުގައާއި ވަގުތު ބެލުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުއިކަމެއް ލިބިގެންދާނެ އެވެ. އަދި އެކިއެކި ކެޓަގަރީތަކުން ވަނަތަށް ހޮވުމަށް ހޭދަކުރަން ޖެހޭ ވަގުތުތަށް ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.