14 Feb 2013, 14:28
ޓޫރިސްޓުނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި ބޭނުންކުރަމުންދާ ސަފާރީ އުޅަނދުތަކަށް ހާއްސަ ހާބަރެއް ހެދުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަތަރުވަނަ ޓޫރިޒަމް މާސްޓާ ޕުލޭންގެ ދަށުން ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ ސަފާރީ އުޅަނދުތަކަށް ހާއްސަކޮށްގެން އެ އުޅަނދުތަކަށް ސަލާމަތާއި ރައްކާތެރިކަމާ އެކު ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް ހާބަރެއް ހެދުމަށް ނިންމައިފައިވާ ކަމަށެވެ.
"ސަފާރީތަކަށް ރަނގަޅު ފެންވަރެއްގެ ހާބަރެއް އެބަ ބޭނުންވޭ، އެކަމް އަދި މިހާތަނަށް އަޅުގަނޑުމެނަށް އެކަން މިއޮތީ އެންމެ އެކަށީގެންވާ ގޮތަށް ނުވެފައި، އެހެންވީމަ ހަތަރު ވަނަ މާސްޓާ ޕުލޭންގައި ވެސް އަދި އަޅުގަނޑުމެން ބާއްވާ ތަފާތު ބައްދަލުވުންތަކުގައި ވެސް ވިސްނުން މިހިރީ ސަފާރީ އުޅަނދުފަހަރަށް ހާއްސަ ހާބަރެއް ހެދުމަށް،" މަލީހް ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ މިހާތަނަށް ވިސްނައިފައި އޮތީ ހުޅުމާލޭގެ ދެވަނަ ފޭސްގެ މަސައްކަތްތަކާއެކު އެ ހާބަރު އެޅުމުގެ މަސައްކަތް ކުރުން ކަމަށާއި ވަރަށް އަވަހަށް މަސައްކަތްތަށް ފެށޭނެ ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ އަދި ކޮންކަހަލަ ހިދުމަތްތަކެއް ލިބޭ ހާބަރެއް ކަމެއް މަލީހު ވިދާޅެއްނުވެއެވެ.
ސަފާރީ އުޅަނދުތަކަށް ހާއްސަކޮށްގެން ހާއްސަ ހާބަރެއް ހެދުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ދާއިރާއަކީ ރިސޯޓްތައް ފިޔަވައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނަ އެނދު ހިއްސާ ދާއިރާއެވެ. އެގޮތުން ސަފާރީ އުޅަނދުތަކުން 2500 އަށް ވުރެ ގިނަ އެނދު ހިއްސާ ކުރެއެވެ.