14 Feb 2013, 14:25
މަންދޫން: އަހުމަދު ސާއިލު
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްސް، ކްރައުން ކޮމްޕެނީ އިން މީގެ 10 ވަރަކަށް އަހަރު ކުރިން ތަރައްގީ ކުރާން ފެށި އިރު އެ ރިސޯޓަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އެ ރިސޯޓަށް ބޭނުންވާ ތަކެތި ބަހައްޓާނެ ތަނެއް އެ ރަށުގައި ނެތުމުގެ މައްސަލަ އެވެ. އެހެންކަމުން އެ ރިސޯޓުން ނިންމީ އެ ރިސޯޓާ 9.25 ކިލޯ މީޓަރު ދުރުގައި އޮންނަ އދ. މަންދޫން ބިމެއް ކުއްޔަށް ހިފައިގެން އެ ބޭނުން އެ ތަނުން ފުއްދުމަށެވެ. އަދި އެ މަސައްކަތް ވެގެންދިޔައީ މަންދުއަށް ދިރުން ލިބިގެން ދިޔަ ކަމަކަށެވެ.
ކޮންރެޑް އައިލެންޑް ރިސޯޓަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް މަންދޫގެ ތުނޑީ ކޮޅުން 2003 ވަނަ އަހަރު، އަހަރަކު 49،000ރ. އަށް ކުއްޔަށް ހިފި ބިމަކީ ކުރައުން ކޮމްޕެނީގެ ކޮންމެ ބޭނުމަކަށް ބޭނުންކުރެވޭނެ ބިމަކަށް ވުމާ އެކު އެ ކުންފުނިން 2005 ވަނަ އަހަރު ނިންމީ އެ ރިސޯޓްގައި މަސައްކަތް ކުރާ މުއައްޒިފުންގެ އެކޮމެޑޭޝަން މަންދޫގައި ގާއިމް ކުރުމަށެވެ. އެގޮތުން ކޮންރެޑް ރިސޯޓްގެ މުއައްޒިފުން ނިދުމަށްޓަކައި މަންދޫގައި ވަނީ ސްޓާފް އެކޮމެޑޭޝަންގެ ގޮތުގައި 28 ކޮޓަރި ހަދައިފަ އެވެ. އަދި ބައެއް ޕްރޮޖެކްޓަތަކަށް އަންނަ މީހުން ބޭއްތިއްބުމަށް ވަނީ ބޮޑު ދެ ކޮޓަރި ވެސް ހަދައިފަ އެވެ. އެ ހުރިހާ ކޮޓަރިތަކަކީ ވަރަށް ޒަމާނީ ވަސީލަތްތަކާ އެކު ރީތިކޮށް ހަދާފައިވާ ކޮޓަރިތަކެކެވެ. އެ ކޮޓަރިތަކުގައި ވަނީ ރީތި ފަރުނީޗަރާއި އޭސީ ވެސް ހަރުކޮށްފަ އެވެ.
ކޮންރެޑަށް މަންދޫގެ ބިމުން ދީފައިވާ ސަރަހައްދުގެ މުއްދަތު 10 އަހަރު ފަހުން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ހަމަވެފަ އެވެ. އަދި މުއްދަތު ހަމަވުމާ އެކު ކުރައުން ކޮމްޕެނީ އިން ވަނީ އެ ބިމުގެ މުއްދަތު އިތުރު ކުރުމަށް އެދިފަ އެވެ. ނަމަވެސް އެ ރަށު ކައުންސިލުން އެގޮތަށް ބިން ކުއްޔަށް ދޭކަށް އަދި ނިންމައިފައެއް ނުވެ އެވެ. އަދި އެކަމުގެ ސަބަބުން އެ ދެ ފަރާތުގެ ދެމެދުގައިވާ ގުޅުމަށް މިއަދު ވަނީ ހީނަރުކަމެއް އައިސްފަ އެވެ.
ކްރައުން ކޮމްޕެނީގެ އަހުމަދު ނަޒީރު ވިދާޅުވީ އެ ކުންފުންޏަށް އެބިން 2003 ވަނަ އަހަރު ދީފައި ވަނީ މަންދު އޭރު އޮތް ހާލަތުން އެ ކުންފުންޏަކާ އެ ބިން ހަވާލުކުރުމުން އެ ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެތީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުން ވަޒީފާގެ ގިނަ ފުރުސަތުތަކަކާއި އުމްރާނީ ގިނަ އެހީތަކެއް އެ ރަށަށްވެފައިވާ ކަމަށެވެ.
ނަމަވެސް ނަޒީރު ވިދާޅުވީ އެ ބިމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލާ ވާހަކަ ދައްކަމުންދާތާ ދެ އަހަރު ވެފައިވާ ކަމަށާއި އަދި ދެ އަހަރު ވެފައިވާ އިރު ވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ކައުންސިލުން އެކި ފާޑުގެ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ، އެއްވެސް ލިޔެކިޔުމަކުން ޖަވާބެއް ނުދެއްވާ، އަޅުގަނޑުމެން ސިޓީއެއް ފޮނުވީމާ ވެސް އެ ސިޓީއަށް ޖަވާބެއް ވެސް ނުދޭ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ދެއްކެވި ވާހަކައަކީ ހަގީގަތެއްކަން އެ ރަށުން ފެންނަން ވެސް އެބަހުއްޓެވެ.
އެ ރަށަށް 24 ގަޑިއިރުގެ ކަރަންޓް ހިދުމަތް ދިނުމުގެ ގޮތުން 50 ކިލޯ ވޯޓްގެ ހަތަރު އިންޖީނު ބަހައްޓައި އެއިންޖީނުތައް ބަލަހައްޓާނެ މީހެއްގެ މުސާރައާ އެކު ވަނީ ހަމަޖައްސައިފަ އެވެ. އަދި އޭގެ އިތުރުން އެ ރަށަށް ދެ ޓީޗަރުން ހަމަޖައްސައިދިނުމާ އެކު ތަފާތު ގިނަ އެހީތައް ދެމުންދެ އެވެ. އެހެންކަމުން ކުރައުން ކޮމްޕެނީ އާއި މަންދޫގެ ބައެއް ރައްޔިތުންނާ ދެމެދުގައި ވެސް ވަނީ ރަނގަޅު ގުޅުމެއް އުފެދިފަ އެވެ.
މަންދޫ ބައެއް ރައްޔިތުން ބުނަނީ އެރަށުގެ ބިމުން ކުރައުން ކޮމްޕެނީ ކުންފުންޏަށް ދީފައިވާ ބިން އެކުންފުނީގެ އަތުން އަތުލާން އެމީހުން ނޭދޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ މިހާރު އެ ރަށުގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއްގައި އުޅެވެނީ ކުރައުން ކުންފުނީގެ ފަރާތުން ވެފައިވާ އެހީތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ރަށުގައި އިމާރާތްތައް ކުރުމާއި އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އެރިސޯޓުން ހޯދައި ދިނުމާއި ރަށުގެ އުމުރާނީ ތަރައްގީއަށް ތަފާތު އެހީތައް އެތައް ފަހަރެއްގެ މަތިން ވެފައިވުމެވެ.
މަންދޫ މާޖެހިގޭ، މުހައްމަދު ނައީމް ބުނީ އެ ބިމަކީ ކުރައުން ކޮމްޕެނީއާ ހަވާލުކުރުމުގެ ކުރިން ޖަންގައްޔެއްގެ ސިފައިގައި އޮތްބިމެއް ކަމަށާއި އެބިމާއި ކުރައުން ކޮމްޕެނީ އިން ހަވާލުވުމަށް ފަހު އެތަން ތަރައްގީކޮށްފައިވާ އިރު އެ ރަށަށް ބޮޑެތި މަންފާތަކެއް ކޮށްފައިވާ ކަމަށެވެ.
"ފުޓްބޯޅަ ދަނޑު އެއޮތީ ވަށާ ފާރު ރާނާ ދާ ޖަހާދީ ހަދާފައި. ދެން އިންޖީނުގޭ އެހެރީ އެންމެ ޒަމާނީ ފެންވަރަށް ހަދާދީފައި. އަދި މާލެ ދާން ބޭނުންވާ ފަރާތްތަކަށް ވެސް ހަމަދާންވީ އެބޭފުޅުންގެ ފެރީގައި ރިސޯޓަށް ގޮސް ސަޕްލައި ދޯނިން މާލެއަށް ވެސް، އެފަދަ އެތައް އެތައް ކަމެއް ކޮށްދޭ،" ނައީމް ބުންޏެވެ.
ކުރައުން ކޮމްޕެނީ އާއި މަންދޫގެ ކައުންސިލް އާއި ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާ އިރު ކައުންސިލްގެ ރައީސް އަހުމަދު ހަސަން ވިދާޅުވީ އެބިމާ ގުޅޭ ގޮތުން ވަކިގޮތެއް އަދި އެކައުންސިލް އިން ނުނިންމާ ކަމަށާއި އެ ބިމާ ގުޅެގޮތުން ވަކިގޮތެއް ނިންމުމަށް ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށް އެދިފައިވީ ނަމަވެސް އަދި މިހާތަނަށް އެ މިނިސްޓުރީގެ ބަހެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ބިޑަކަށް ގޮސްގެން އެބިން ބަޔަކާ ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރައުން ކުންފުނިން ބުނަމުންދަނީ އެކުންފުނިން އެބިން ބޭނުންކަމަށެވެ. ސަބަބަކަށް ވެފައި ވަނީ އެސަރަހައްދަކީ އެކުންފުނިން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ސަރަހައްދުވުމާއި އެކުންފުނީގެ ކޮންރެޑް އައިލެންޑް ރިސޯޓަށް ބޭނުންވާ ގިނަ ސާމާނުތަކެއް ބެހެއްޓުމަށް ހަދައިފައިވާ ތަންތަން އެސަރަހައްދުތަކުގައި ގާއިމް ކޮށްފައި ހުރުމެވެ. ނަމަވެސް ކައުންސިލްއިން ބުނަމުންދަނީ އެރަށުގެ ބިން ކުރައުން ކޮމްޕެނީ އާއި ހަވާލުކުރި މަގުސަދު ހާސިލް ނުވާ ކަމަށާއި އަދި ބިންދޭނެ ފަރާތެއް ނުނިންމާ ކަމަށެވެ.
ކްރައުން ކޮމްޕެނީ އަށް މަންދޫން ދޫކޮށްފައިވާ ބިމުގެ މުއްދަތު އިތުރުކޮށް ދިނުމަށް ކައުންސިލްގައި އެދުނު މައްސަލާގައި ދެ ފަރާތް ދެމެދުގެ ގާތްކަމަށް މިހާރު ވަނީ ބުރޫއަރަން ފަށައިފަ އެވެ.
މަންދުއަށް ބަލާއިރު އެ ރަށަކީ 400 ވަރަކަށް މީހުންގެ އާބާދީއަކަށް ނިސްބަތްވާ ރަށެކެވެ. ނަމަވެސް އެ ރަށުގައި ދިރިއުޅެނީ މަދު ބަޔަކަށް ވުމާ އެކު އެ ރަށުގެ އާންމު ހާލަތު ފެންނަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ތަނެވެ. އެެހެން ކަމާ އެކު އެ ރަށަށް ރަނގަލި ފަދަ ރިސޯޓެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އެ ރަށުގެ ގިނަ ބަޔަކު ދެކެ އެވެ. ކައުންސިލުން ވެސް އެކަމަށް ރިޔާއަތް ކުރާނެ ކަމަށް އެފަދަ ފަރާތްތަކުން ގަބޫލު ކުރެ އެވެ. ދެ ފަރާތަށް ވެސް އެންމެ ފައިދާވާ ގޮތަކަށެވެ.