14 Feb 2013, 14:03
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން ގެންދާ ބިދޭސީން ބައިތިއްބަން ތައްޔާރު ކުރި ފުރަތަމަ ޝެލްޓާ ނުވަތަ "ބިދޭސީ ހިޔާ"ރަސްމީކޮށް ހުޅުވައިފި އެވެ.
ކުރިން ޑިޕާޓްމެންޓް އޮފް ކަރެކްޝަންސްގެ މައި އޮފީހާއި ޖަލު ހިންގި، އޯކިޑްމަގުގައި ހުންނަ މުސްކުޅި އިމާރާތުގައި ތައްޔާރު ކުރި 75 މީހުންގެ ޖާގައިގެ އެ "ބިދޭސީ ހިޔާ" ހުޅުއްވައި ދެއްވީ އެ އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
"ބިދޭސީ ހިޔާ" ހުޅުވުމަށް ފަހު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ މިއަދު ހުޅުވި ބިދޭސީ ހިޔާގެ ސަބަބުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެ އިން ފޮނުވާލަން ޖެހޭ ބިދޭސީންގެ ޑޮކިއުމެންޓޭޝަން ނިމެންދެން ރައްކާތެރިކަމާ އެކު އެ ތަނުގައި އެފަދަ މީހުން ބޭތިއްބޭނެ ކަމަށެވެ. އަދި އެ ތަނަކީ ބައިނަލްއަގްވާމީ ގޮތުން އެފަދަ ތަންތަނުގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅަފައިވާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފާވާ ވަރަށް ފުރިހަމަ ތަނެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މިއަދު މި ހުޅުވުނު ބެދޭސީ ހިޔާގެ ސަބަބުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަޅުގަނޑު ދެކެން. މި ތަނަކީ ބައިނަލްއަގްވާމީ ގޮތުން އެފަދަ ތަންތަނުގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފާވާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރު ކޮށްފާވާ ވަރަށް ފުރިހަމަ ތަނެއް،" ނާޒިމް ވިދާޅުވި އެވެ.
މިއަދު ހުޅުވި "ބިދޭސީ ހިޔާ"ގައި އެކިއެކި ކުށްތަކަށް އަރައިގަނެގެން ރާއްޖެ އިން ފޮނުވާލުމަށް ފުލުހުން އިމިގްރޭޝަނާ ހަވާލު ކޮށްފައި ތިބި މީހުންނާއި ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް އިމިގްރޭޝަންގެ އޮފިސަރުންނަށް ފާހަގަ ކުރެވިގެން ގެންގޮސްފައި ތިބި ބިދޭސީންނާއި އާންމު ރައްޔިތުން ރިޕޯޓްކޮށްގެން ގެންގޮސްފައި ތިބި މީހުންވެސް އެ ތަނަށް ބަދަލު ކުރާނެ ކަމަށާއި އަދި އަމިއްލަ އަށް ވޮލަންޓިއާ ކޮށްގެން އަންނަ ފަރާތްތަކަށް ވެސް އެ ހިޔާ އިން ފުުރުސަތު ދޭނެ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.