ލ. މާބައިދޫގައި ކަރަންޓް ނެތިގެން އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކައުންސިލް އިދާރާގެ ދޮރުތަކުގައި ލަކުޑި ފަތި އަޅައި ބަންދުކޮށްފި އެވެ.

ކައުންސިލްގެ މެމްބަރު ހަސަން އާދިލް މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަަޔަކު ނިކުމެ ރަށު ކައުންސިލްގެ އިދާރާ ބަންދު ކުރީ މިއަދު ހެނދުނު 7 ޖެހީއްސުރެ ރަށުން ކަރަންޓް ގޮސްފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. އޭނާ ބުނީ އެ ރަށު އިންޖީނުގޭގައި ބޭނުން ކުރަމުން ގެންދިޔަ 150 ކިލޯވޯޓާއި 100 ކިލޯ ވޯޓުގެ އިތުރުން 80 ކިލޯ ވޯޓުގެ ތިން އިންޖީނު ވެސް މިހާރު ހުރީ ހަލާކުވެފައި ކަމަށާއި މިއަދު ހަވާކުވި 80 ކިލޯވޯޓްގެ އިންޖީނުގެ މައްސަލައަށް ހައްލެއް މިއަދު ލިބި ރަށަށް ކަރަންޓް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެނަކަ ކޯޕަރޭޝަަނާ އެރަށު އިންޖީނުގެ ހަވާލުކުރަން ވަނީ ނިންމާފައި. ނަމަވެސް އެކުންފުންޏާ އިންޖީނުގެ ހަވާލުކުރުމުގެ މުޅި މަރުހަލާ މުޅިން ނުނިމޭ. އެކަން އެދިމާވަނީ ކައުންސިލްގެ ބައްދަލުވުމެއް ނުބާއްވޭތާ ދެ މަސް ވެފައިވާތީ. ކައުންސިލްގެ ރައީސަށް މަގާމުގެ މަސްްއޫލިއްޔަތު އަދާ ނުކުރެވިގެން އޭނާ މަގާމުން ދުރުކުރުމަށް ކައުންސިލްގެ ތިން މެމްބަރަކު ވަނީ ނިންމާފައި. އެހެންވެ ޖަލްސާތައް ނުބާއްވަނީ، ދެން ނައިބް ރަޢީސަކަށް ދެ މަސްއޫލިއްޔަތެއް އަދާ ނުކުރެވޭނެއޭ ބުނާތީ އެކަން ނުވެގެން މިއުޅެނީ، އެކަަން،" ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ފެނަކައިން ބޭނުން ވަނީ އެ ރަށު އިންޖީނުގެ ފެނަކާގެ ދަށަށް ބަދަލުކުރާ އިރު އެތަނުގައި ހުރި އެއްޗެހީގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރާނެ އެއްޗެހީގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން އެކުންފުންޏާ އިންޖީނުގެ ހަވާލުކުރާ އެއްބަސްވުމުގައި ސޮއިކުރާނެ ބައެއް ކަނޑައަޅައި ގަރާރެއް އެކުލަވާލުމަށް ފަހު އެފަރާތާ ހަވާލުކުރުމަށް ކަމަށާއި ނަމަވެސް އެކަން ވެސް ނުވެ އޮތީ ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.