ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެކި ދައުވާތައް އުފުލައެވެ. އެކި އެކި ކަންކަމާ ގުޅިގެން އެފަދަ ފަރާތްތައް ހައްޔަރުކުރާން ޖެހޭ ހާލަތްތައް އާދެ އެވެ.

ކަން މިހެން ހުރި އިރު ސިޔާސީ ގިނަ ފަރާތްތަކަކީ އެމީހުންގެ އަމިއްލަ ނަފުސުތަކާ މެދު ވަރަށް ތަފާތު ނަޒަރިއްޔާއަކުން ދެކޭ ބައެކެވެ. އެމީހުންނަކީ އެމީހުންގެ ގައުމުގައި ތާއީދު އޮތް ބައެއް ނަމަ ކޮންމެ ކަމަކާ ގުޅިގެން ދައުވާ އުފުލިޔަސް، އަދި ކޮންމެ ކަމަކާ ގުޅިގެން ހައްޔަރު ކުރާން އުޅުނަސް ދެކޭނީ އެއީ ސިޔާސީ ގޮތުން ކުރާ ކަމެއްގެ ގޮތުގަ އެވެ.

މަޝްހޫރު ސިޔާސީ މިފަދަ ފަރާތްތަކުން އެމީހުންނާ ދެކޮޅަށް އުފުލޭ ދައުވާތަކުންނާއި ހައްޔަރުކުރުމުގެ އަމުރުތަކުން ސަލާމަތްވާން ބޭނުންކުރާނެ ރަނގަޅު ވަސީލަތެއް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ ( އދ) ގެ ތެރެއިން 1961 ވަނަ އަހަރު ވަނީ ތައާރަފް ކުރެވިފައެވެ. އެއީ " ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" އެވެ.

އެ މުއާހަދާގައި ވާގޮތުން ޑިޕްލޮމެޓިކް ގުޅުން އޮންނަ އެއް ގައުމުން އަނެއް ގައުމުގައި ގާއިމްކޮށްފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ބަލައި ފާސްކުރުމާއި އެތަންތަނަށް ވަދެ މީހުން ހައްޔަރު ކުރުމަކީ މިޝަންގެ އެންމެ އިސްފަރާތުގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

ވިއެނާ ކޮންވެންޝަނަށް މިއަހަރު 52 އަހަރު ފުރޭ އިރު ދުނިޔޭގެ 182 ގައުމަކުން ވަނީ އެ މުއާހަދާ ތަސްދީގުކޮށްފައެވެ.

ވިއެނާ ކޮންވެންޝަންގެ ރަން ޔޫބީލް ފަހަނައަޅައި ގޮސްފައި ވާއިރު އެ މުއާހަދާގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގެ 29 ފަރާތަކުން ވަނީ އެ ގައުމުތަކުގެ ގާނޫނު ހިންގާ ބާރުތަކުގެ އަތު ނުޖެހުމަށް ޓަކައި އެމުއާހަދާގެ ބޭނުން ކޮށް، ޑިޕްލޮމެޓިކް މިޝަންތަކުން ހިމާޔަތް ހޯދައިފައެވެ. އެ މުއާހަދާ އައުމުގެ ކުރީން ވެސް އެފަދަ ބައެއް ކަންތައްތައް ވަނީ ހިނގައިފައެވެ.

އެގޮތުން ހިމާޔަތް ހޯދި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ސިޔާސީ ލީޑަރުންގެ އިތުރުން ނޫސްވެރިންނާއި ސައިންޓިސްޓުން ވެސް ހިމެނެއެވެ.

ޖޭކޮބް އަރްބެންޒް ގުޒްމާން

ޖޭކޮބް އަރްބެންޒް ގުޒްމަން އަކީ 1944 ވަނަ އަހަރުން ފެށިގެން 1951 ވަނަ އަހަރާ ހަމައަށް ގުއާޓެމާލާގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެމެރިކާގެ ސީއައިއޭއިން ރާވައިގެން ކުރި ބަޣާވާތެއްގައި 1951 ވަނަ އަހަރު އޭނާ ވެރިކަމުން ދުރުކުރުމުން އޭނާ ހިމާޔަތް ހޯއްދެވީ މެކްސިކޯ އެމްބަސީ އިންނެވެ. އެތަނުގައި ދެ ދުވަހު ހުންނެވުމަށް ފަހު މެކްސިކޯ ސަރުކާރާ ވާހަކަ ދައްކަވައިގެން އޭނާ މެކްސިކޯއަށް އަމިއްލަފުޅަށް އަރުވައިލެއްވުނެވެ. އެއީ ވިއެނާ މުއާހަދާގެ ކުރިންނެވެ.

މުހައްމަދު ނަޖީބުﷲ

އަފްޣާނިސްތާނުގެ މުޖާހިދުން 1992 ވަނަ އަހަރު ވެރިރަށް ކާބުލް ހިފުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް ނަޖީބުﷲގެ ވެރިކަން ނިމުމަކަށް އައުމުން އޭނާ ހިމާޔަތް ހޯއްދެވީ ކާބުލްގައި ހުރި އދ.ގެ މިޝަން އިންނެވެ. އެއަށް ފަހު 1996 ވަނަ އަހަރު ތާލިބާނުން އޭނާ އަވަހާރަކޮށްލުމާ ހަމައަށް އޭނާ ހުންނެވީ އެތާނގައެވެ.

މޯގަން ސްވަންގިރާއީ

މޯގަން ސްވަންގިރާއީ އަކީ 2008 ވަނަ އަހަރު ޒިމްބާބްވޭގައި އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމާ ގުޅިގެން ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރުން އޭނާ އަށް ދުއްތުރާކޮށް، ބިރުދައްކައި ހަދާން ފެށުމުން އޭނާ ހިމާޔަތް ހޯއްދެވީ ނެދަލޭންޑްސްގެ އެމްބަސީއިންނެވެ. މުގާބޭއާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ސްވަންގިރާއީ ފަހުން ވެވަޑައިގަތީ އެގައުމުގެ ބޮޑުވަޒީރަށެވެ. އެކަންތައް ހަމަޖެހޭން ދެން އޭނާ ހުންނެވީ އެމްބަސީގެ ހިޔާވަހިކަމުގަ އެވެ.

އަމާޑޫ ޓޮމާނީ ޓޯރޭ

މިދިޔަ އަހަރުގެ އޭޕްރިލް މަހު މާލީގެ ސިފައިން ކުރި ބަޣާވާތުގައި ވެރިކަމުން ދުރުކުރި މާލީގެ ކުރީގެ ރައީސް އަމާޑޫ ޓޮމާނީ ޓޯރޭ ހިމާޔަތް ހޯއްދެވީ އެގައުމުގައި ހުރި ސެނެގޯލްގެ އެމްބަސީގަ އެވެ. އެއަށް ފަހު އޭނާ ވަނީ ސެނެގޯލަށް ވަޑައިގެން އެގައުމުގައި ދިރިއުޅުއްވާން ފަށްޓަވައިފަ އެވެ.

ޖޫލިއަން އަސާންޖް

މަޝްހޫރު ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖް ސްވިޑެން އަށް ފޮނުވައިލާން އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ނިންމުމުން އޭނާ ހިމާޔަތް ހޯދީ އެ ގައުމުގައި ހުންނަ އިކްއެޑޯގެ އެމްބަސީއިންނެވެ. އޭނާ އަދި ވެސް ހުރީ އެތާނގަ އެވެ.

މި ހާދިސާތަކަށް ބަލާ އިރު ދޭހަވަނީ، ސިޔާސީ ވެރިން ފިލަން ވަންނަ މުކައްބަތަކަކަށް އެފަދަ ޑިޕޮލޮމެޓިކް މިޝަންތައް ވެފައިވާ ކަމެވެ. ނަމަވެސް އެ ތަންތަނުން އަތް ނުލައި އައްދު ކިޔާ އުސޫލުން ބަސް ބުނެ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަ ނަމަ އެއީ އެއީ، ކުދި ގައުމުތަކުގެ މައްޗަށް ބާރު ހިންގަން ކުރާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮންނާނެ އެވެ.