މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ވަކި ކެންޑިޑޭޓެއް ނުނެރޭނެ ކަމަށާއި އެ ޕާޓީން ނިންމާފައި ވަނީ ގިނަ ޕާޓީތަކަކާ އެކު ނިކުންނަ ކެންޑިޑޭޓަކާ ކޯލިޝަން ހެދުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި މިއަދު ވިދާޅުވީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނުނެރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ނިންމާފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ވަކި ކެންޑިޑޭޓެއް ނެރުމަކީ މި ފަހަރުގެ ވޯޓު ބައިބައިވެގެންދާނެ ކަމެއް ކަމަށާއި "ވީހާ ވެސް ބޮޑު" ކޯލިޝަނެއް ހެދުމަށް އެޕާޓ އަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނީ ގައުމީ މަސްލަހަތު އިސްކުރުމަށް ޓަކައި ވީހާ ވެސް ގިނަ ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް. އެކަމަށް ޓަކައި ކުރެވެން އޮތް މަސައްކަތްކުރާނަން. އެއީ އަދާލަތު ގަބޫލުކުރަނީ މި ފަހަރު އަދާލަތު ޕާޓީ ވަކިން ރިޔާސީ ކެންޑިޑޭޓަކުން ނެރުމަކީ ވޯޓު އިތުރަށް ބައިވެ ވެގެންދާނެ ކަމެއްގެ ގޮތުގައި،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ހެދުމާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް އެ ޕާޓީގެ ކޮމެޓީއެއް ހޮވާފައިވާ ކަމަށެވެ. ނަމަވެސް އެ ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ނުނިންމާ ކަމަށެވެ.

ދެ ހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަދާލަތު ޕާޓީން ކޯލިޝަން ހަދާފައި ވަނީ ޖުމްހޫރީ ޕާޓީއާ އެވެ. އަދި ދެ ވަނަ ބުރުގައި ކޯލިޝަން ހަދާފައިވަނީ އެމްޑީޕީއާ އެކު އެވެ.