14 Feb 2013, 12:38
ބޭރު ގައުމުތަކުން ރާއްޖެ އަންނަ ބިދޭސީ މަސައްކަތު މީހުންނާއި ދޭތެރޭ ދިވެހިން ލާ އިންސާނީ އަމަލުތައް ހިންގާ ކަމަށާއި އެ ފަދަ އަމަލުތައް ނުހިންގުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބޭތިއްބުމަށް ތައްޔާރު ކުރި "ބިދޭސީ ހިޔާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ ބޭރުން އަންނަ ބީދޭސީންނަށް އެކި ކަހަލަ އަނިޔާ ދިނުން ފަދަ ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކުން ކުރިއަށް އޮތް ތަނުގައި އެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ގޮވާލައްވާ ކަމަށެވެ.
"ބޭރުން އަންނަ ބިދޭސީންނާ ދޭތެރޭ ރާއްޖޭގައި ލާ އިންސާނީ އަމަލްތައް ހިންގާ. އަޅުގަނޑު މި ގޮވާލަނީ ބޭރުން އަންނަ އެއްވެސް މަސައްކަތު މީހަކަށް ނޫނީ ބިދޭސީ އަކަށް އެއްވެސް ނޭދެވޭ އަނިޔާއެއް ނޫނީ ލާ އިންސާނީ އަމަލެއް ނުހިންގުމަށް،" ނާޒިމް ވިދާޅުވި އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ ބިދޭސީންގެ މައްސަލަ އަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މައްސަލައަކީ މިހާރު ގައުމީ ބޮޑު މައްސައެއް ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް ހޯދޭނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާތަކާއި ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ މަގުމަތީގައި ގަވާއިދާ ޚިލާފަށް އުޅެމުން ގެންދާ ބިދޭސީން ދިވެހިންގެ އެކި ކަހަލަ މަސައްކަތައް ނަގާ އެމީހުން ލައްވައި މަސައްކަތް ކުރުވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް މަސައްކަތް ކުރުވުމުގެ ބަދަލުގައި އެމީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް އަންގައިދިނުމަކީ ވެސް ސަރުކާރުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.
"ބިދޭސީންގެ ހިޔާ" ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމްގެ އިތުރުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ އާއި އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިމިގްރޭޝަންގެ އިސް ބައެއް ބޭފުޅުންގެ އިތުރުން މުވައްޒަފުން ވެސް ބައިވެރިވި އެވެ.