އިޓަލީގެ މިލާނުގައި ކުރިއަށްގެންދާ ބީއައިޓީ އެގްޒެބިޝަންގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މިއަދުން ފެށިގެން މިއަންނަ އާއްދިތަ ދުވަހުގެ ނިޔަލަށް އިޓަލީގެ މިލާނުގައި ކުރިއަށްގެންދާ އެފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 15 ކުންފުންޏެއް ބައިވެރިވެ އެވެ.

އެމްއެމްޕީއާރްސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އިޓަލީއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާ ގައުމަކަށް ވެފައިވާ އިރު އެ އެގްޒެބިޝަންގައި އިޓަލީގެ ޓޫރިޒަމާ ގުޅުން ހުރި ފަރާތްތަކާއި ޓުރެވަލް އޮޕަރޭޓަރުންނާ ބައްދަލުކޮށް ރާއްޖެ އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދޭނެ ކަމަށެވެ.

"އިޓަލީ ވިލާތަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓް، ނަމަވެސް އިގްތިސާދު ދައްވުމާ ގުޅިގެން އެ މާކެޓަށް މިވަނީ ހީނަރުކަމެއް އައިސް، އެހެންކަމުން އިޓަލީ ވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުކުރުމަށާއި އެކޮޅުގެ ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުލޭގޮތުން މަޝްވަރާކުރެވޭނެ." މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ އިޓަލީ ވިލާތުގައި މިހާރަށް ވުރެ މަގްބޫލު މަންޒިލަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި އިޓަލީގެ މީޑިއާތަކާ ބައްދަލުކޮށް ރާއްޖެއާ ގުޅޭ މައުލޫމާތް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މާދަމާ އެހަރަކާތް ހިންގާނެ ކަމަށެވެ.

އިޓަލީގައި ބާއްވާ ފެއާއެއްގައި ރާއްޖެ އިން ބައިވެރިވެފައިވާ އިރު އިޓަލީ އިން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުވަނީ 24.4 ޕަސެންޓް ދަށްވެފަ އެވެ. އެގައުމުން މިދިޔަ އަހަރު ރާޢްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 62782 ޓޫރިސްޓުންނެވެ.