ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކުރާދައުވާ އެއް ކަމަށްބުނެ އެމްޑީޕީން އިއްޔެ އާއި ރޭ މާލެގައި ކުރި މުޒާހަރާގައި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަޖީދިއްޔާއާ ސްކޫލް ކައިރީ އެމްޑީޕީން އިއްޔެ އާއި ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނަށް ނުކިޔަމަންތެރިވެގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 ދަށުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.

ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް އުކާލައި ފުލުހުނާ ދިމާލަށް ގަލާއި ބިއްލޫރި ފަދަ އެއްޗެހި އުކާފައިވާއިރު އިއްޔެ ދުވާލުގެ ވަގުތު ހައްޔަރުކުރީ 11 މީހުން ކަމަށާއި އަދި ރޭގައި ހައްޔަރުކުރީ ފަސް މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރި އިރު މަސްތުވެފައި ތިބިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ޝަރުތަކާ އެކު ދެ މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމަ ހަމަ އުސޫލުން ހުރިހާ އެންމެނާއި މެދުވެސް ފަނޑިޔާރުން އަމަލުކުރުމަށް ގޮވާ އެމްޑީޕީން އިއްޔެ މުޒާހަރާ ފެށީ އިއްޔެ ހުޅުމާލެ ކޯޓުގައި އޮތް ޝަރީއަތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރާއި ގުޅިގެންނެވެ.

ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެ މަނިކުފާންގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގެ ތުހުމަތުގަ އެވެ.