ސަރުކާރުގެ އެޕާޓްމަންޓަކުން ދައުލަތަށް ދައްކަންޖޭ ލައްކަ އަކަށް ވުރެ ގިނަ ރުފިޔާގެ ކުލި ދައްކާފައި ނުވާތީ 14 ދުވަހުގެ ތެރޭގައި އެ ފައިސާ މިރާ އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނަނީ "ނިއުޕްލާޒާ އެޕާޓްމަންޓް 101"ގެ ކުލި ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި އަރަމުންދާ ފައިސާގެ ތެރެއިން މިދިޔަ ހޯމަ ދުވަހާ ހަމައަށް އަރާފައިވާ 676،200ރ. 14 ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް މ. އޭޑީރީޑް، އަހްމަދު ނަސީރު އަލީގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.

ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ އަހްމަދު ނަސީރުގެ ޣައިރު ހާޒިރުގަ އެވެ.

މިރާ އިން ކުރި ދައުވާގައިވާ ފަދައިން ކުލި ދައްކާފައި ނުވާކަން ޝަރީއަތަށް ސާބިތުވެފައި ވަނީ ދައުވާ ލިބޭ އަހްމަދު ނަސީރު ޝަރީއަތުގައި ދައްކާފައިވާ ވާހަކަތުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.