ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން ރިސޯޓުތަކުގައި މުޒާހަރާ ކުރުން މަނާކޮށްފައި އޮތުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތައް އެއްވެ އުޅުމުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށް އިއްޔެ ބޭއްވި ވޯކްޝޮޕްގައި އެޗްއާރްސީއެމްގެ ނައިބު ރައީސް އަހުމަދު ތޮލާލު ވަނީ ރިސޯޓް މުވައްޒަފުންނަށް މުޒާހަރާ ނުކުރެވޭތީ، ރިސޯޓް މުވައްޒަފުންގެ ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

"ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތޮލާލު އިއްޔެ ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގައި ރިސޯޓްތަކުގައި މުޒާހަރާ މަނާކުރުމުން ގާނޫނޫ އަސާސީގައި ބުނާ ހަމަހަމަކަން ގެއްލޭ ކަމަށެވެ. އެގޮތުން ޓޫރިސްޓު ވިޔަފާރި ހިމާޔަތް ކުރުމަށް ޓަކައި ރިސޯޓްތަކުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް އިރު، ރަށްރަށުގައި ހުންނަ ޓޫރިސްޓުންނަށް ހިދުމަތްދޭ ގެސްޓު ހައުސްތަކާއި އެހެނިހެން ވިޔަފާރީގައި ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް މުޒާހަރާ ކުރެވޭ ކަމަށެވެ. ނަމަވެސް ރިސޯޓް މުވައްޒަފުން މަސައްކަތް ކުރާ ރިސޯޓުގައި މުޒާހަރާ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާ ފުށުއަރާ ކަމެއްތޯ ސުވާލު އެފެދޭ ކަމަށް ތޮލާލު ވިދާޅުވި އެވެ.

"ވަޒީފާއަށް ނުނުކުމެ، ތިބުމަކަށް އެ ގާނޫނު ހުރަހެއް ނާޅާ. އެކަމަކު އެއްވެ އުޅުމަކީ، ނުވަތަ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ ގާނޫނު އަސާސީން ހުރިހާ އެންމެންނަށް ކަށަވަރުކޮށްދޭ އެއްޗެއް. ހަމައެކަނި ދިވެހިރައްޔިތުންނަކަށް ނޫން ހުރިހާ އެންމެނަށް ކަށަވަރުކޮށްދޭއެއްޗެއް. ވަކި ހައްގެން ލިބިފަ އަނެއް ހައްގެއް ނުލިބޭ ގޮތައް އޮވެގެން ނުވާނެ. ހުރިހާ ހައްގެއް ވެސް ލިބެންޖެހޭނެ،" ތޮލާލު ވިދާޅުވި އެވެ.

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ގާނޫނުގައި 24 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކާއި ވިޔަފާރި ބަނދަރުތަކާއި ވައިގެ ބަނދަރުތަކުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ތަކެއްގައި މުޒާހަރާ ކުރެވޭނީ ފުލުހުންދޭ ހުއްދަ ލިޔުމަކުން ކަމަށާއި އެ ހުއްދައަކީ އެމްއެންޑީއެފްގެ ލަފާގެ މަތިން ތައްޔާރުކޮށްފައިވާ ލިޔުމަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

ނަމަވެސް އެ ގާނޫނުގައި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރުމުގެ ގޮތުން ވަޒީފާއަށް ނުނުކުމެ ތިބުމަކަށް ހުރަހެއް ނާޅަ އެވެ.

އެއްވެ އުޅުން ހަނިކުރެވޭ ގޮތައް ފާސް ކުރި ބިލް ތަސްތީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެންނެވުމުން ވެސް ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްތީގު ކުރެއްވާފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގައި އަސާސީ ހައްގުތަކާއި ހަމަހަމަކަން ގެއްލޭ ގޮތައް ހުރި މާއްދާތަކަށް ފާހަގަ ކުރުމަށް އެޗްއާރްސީއެމުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގައި އެދޭނެ ކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.