14 Feb 2013, 10:30
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބީޖީ ސްޕޯޓްސް ކުލަބާއި ދެމެދު ވެވުނު ސްޕޮންސާޝިޕް އެއްބަސްވުމެއްގެ ދަށުން މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ބީޖީ ޖާޒީގެ ފުރަގަހުގައި "ކުރޫގާ" ކޮފީ އިޝްތިހާރު ކުރުމަށް ނިންމައިފި އެވެ.
ކުރޫގާ އަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ޖަރުމަނު ވިލާތުގެ މަޝްހޫރު ބްރޭޑެކެވެ. ކުރޫގާ ބްރޭންޑްގެ ކޮފީ އިޝްތިހާރު ކުރުމަށް ކުރޫގާ ލޯގޯ ޖެހުމަށް ނިންމާފައި ވަނީ، ބީޖީ ސްޕޯޓްސް ކުލަބްގެ ޖާޒީގެ ފަހަތުގައި ޖާޒީނަންބަރުގެ މަތީގަ އެވެ.
ރޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އޮތް ސްޕޮންސާޝިޕް އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ. އަދި ބީޖީގެ ފަރާތުން ސޮއިކުރެއްވީ އެޓީމުގެ ޗެއާމަން ޢަލީ މުރާދު އެވެ.
ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ ބީޖީ ފަދަ ކޮމިއުނިޓީގައި ހިއްސާ ބޮޑު އަދި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ޓީމަކާއެކު އެސްޓީއޯއިން އެތެރެކުރާ ޖަރުމަނު ވިލާތުގެ މަޝްހޫރު ކުރޫގާ ބްރޭންޑްގެ ކޮފީ އިޝްތިހާރު ކުރަން ފުރުސަތު ލިބުމުން އެކަމާ އުފާ ކުރަށްވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކޮފީ އާންމުންގެ މެދުގައި މަގުބޫލު ބުއިމަކަށް ވެގެންދާނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ބީޖީގެ ޗެއާމަން އަލީ މުރާދު ވިދާޅުވީ، އެސްޓީއޯ އިން އަމިއްލައަކަށް އިސްނަގައިގެން ބީޖީއަށް މިފަދަ ފުރުސަތެއް ދީފައިވާތީ އެ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ކުރޫގާ ކޮފީ އިޝްތިހާރު ކުރުމަށް އެ ކުލަބުން ވެފައިވާ އެއްބަސް ވުމުގެ ދަށުން ވީ އެންމެ ރަނގަޅަކަށް އެމަސައްކަތް ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މުރާދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށެންވާ އިރަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމުތަކަށްހެން ސްޕޮންސާ ދީފަ އެވެ. އެގޮތުން މިއަހަރަކީ އެކުންފުނިން މިހާތަނަށް ފުޓްބޯޅަ އަށް އެންމެ ބޮޑު ހޭދައެއްކުރާ އަހަރުކަމަށް ވެގެން ދާނެ އެވެ.