14 Feb 2013, 10:29
ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުޅުނު 15 ވަނަ އިންޓަޔުނިޓް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ހޯދައިފި އެވެ.
އެސްޕީޖީ މި މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްމެޗްގައި މެރިންކޯ އާއި ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިވެހި ސިފައިން ކުލަބެވެ. ދިވެހި ސިފައިން ކުލަބު ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިލިޓްރީ ޕޮލިސްއާއި ވާދަކޮށް ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން މާލޭ ކުޅިވަރު އެކުވެނީ އައުޓް ޑޯ ކޯޓްގައި ބޭއްވި އިއްޔެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަހުމަދު ނައީމް މުޙައްމަދެވެ. މިމުބާރާތުގައި 18 ޓީމެއް ވާދަކޮށްފައިވާ އިރު ފުރަތަމަ ޑިވިޜަންގައި ހަތަރު ޓީމް އަދި ދެވަނަ ޑިވިޜަންގައި 14 ޓީމެއް ވާދަކޮށްފައިވެ އެވެ.
އިންޓަ ޔުނިޓް ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައި ވަނީ އެސްޕީޖީ ޓީމްގެ ލާންސް ކޯޕްރަލް ސިއުނާޒް އަބްދުލް ވާހިދު އެވެ. އަދި މިމުބާރާތުގެ ދެވަނަ ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައި ވަނީ މިލިޓްރީ ޕޮލިސް ޓީމްގެ ސާޖަންޓް އާދަމް ހަލީމް އެވެ.