14:30


ސީއެޗްއެސްސީ ކުދިންނަށް ކެންޓީނެއް ހިންގުމަށް ދީފައިވާ ބިމެއްގައި މަގުމައްޗަށް ދޮރު ކަނޑައިގެން ސައިހޮޓަލެއް ހިންގަމުންދާ ކަމަށް ބުނެ އެ މައްސަލަ ލޭބަރ ޕާޓީން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.


ލޭބަ ޕާޓީން އެންޓި ކޮރަޕްޝަނަށް ފޮނުވާފައިވާ އެ ސިޓީއެއްގައި ބުނެފައި ވަނީ ސައުތު ރެސްޓޯރެންޓްގެ ނަމުގަޔާއި، އަދި އެ ނަމާ ގުޅުން ހުރި އެހެން ނަންނަމުގައި ގިނަ އަދަދެއްގެ ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތްދެމުން އަންނަ މުހައްމަދު ތައުފީގު ނުވަތަ ސައުތު ތައުފީގު ސީ.އެޗް.އެސް.އީގެ އެނެކްސްގެ ނަމުގައި ހިންގަމުން އަންނަ އިމާރާތުގައި، އެ ސެންޓަރުގައި ކިޔަވާ ކުދީންނަށް ކާބޯތަކެތި ވިއްކާ ކެންޓީނެއްގެ ޚިދުމަތްދިނުމުގެ ނަމުގައި ތަނެއް ހުޅުވާފައިވާ ކަމަށެވެ. ނަމަވެސް ކެންޓީނެއްގެ ނަމުގައި ހުޅުވި އެތަން ބޮޑުތަކުރުފާނުމަގާ ވީ ފަރާތަށް ދޮރުކެނޑުމަށްފަހު މިހާރު ވަނީ "ނައިޓް ބީޗް ކެފޭ"ގެ ނަމުގައި އާންމުންނަށް ވަދެވޭ ގޮތަށް ކެއުމާއި ސައި ލިބެން ހުންނަ ބޮޑު ހޮޓަލަކަށް ހަދައިފައި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި ސައުތު ތައުފީގަކީ މާލޭ މުނިސިޕަލްޓީގެ ނައިބު ރައީސެއް ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.


މިކަމާ ގުޅިގެން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ސައުތު ތައުފީގަކީ މާލޭ މުނިސިޕަލްޓީގެ ނައިބު ރައީސެއް ނޫން ކަމަށް. ނަމަވެސް ތައުފީގާކީ އާދަމް މަނިކުގެ އަނބިކަނބަލުންނާ ތޔިމާގެ މީހެއް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.


އާދަމް މަނިކު ވިދާޅުވީ، ޕޯޓްސް އޮތޯރިތީގެ ތަނެއްގަޔާއި އެޑިއުކޭޝަން މިނިސްޓްރީގެ ތަނެއްގައި އެފަދަ ތަނެއް ހިންގުމަށް ތައުފީގު ވަރަށް ފަހުން ހުއްދަ އަށް އެދިފައިވާ ކަމަށެވެ. އަދި ހަމަ އެޑިއުކެޝަން މިނިސްޓްރީން ކުއްޔަށް ދޫކޮށްފައި ހުރި ތަނަކުން ދޮރެއް ކެނޑުމަށް ހުއްދަ އެދިގެން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ހުއްދަ ދީފައިވާ ކަމަށް ވެސް އާދަމް މަނިކް ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް ލޭބަރ ޕާޓީން ވަނީ އިތުރު މައްސަލައެއް ބަލައިދިނުމަށް އެދި އެސީސީއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ "ޑޮލްފިން ވިއު"ގެ ނަމުގައި އަލިމަސްކާނިވާ ސަރަހައްދުގައި އޯޕަން އެއަރ ރެސްޓޯރެންޓް މިހާރު ސަރުކާރުން ދޫކޮށްފައި ވަނީ އެއްވެސް ބިޑަކަށް ލުމެއްނެތި އަދި އެ ސަރަހައްދުން ވިޔަފާރިއަށާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގައި އާއްމު ގޮތެއްގައި ޢަމަލުކުރަމުންދާ ގަވާއިދާ ޚިލާފަށް ކަމަށެވެ.


އެ ކަމާ ގުޅިގެން މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ދޫކޮށްފައިވާ ބިންތައް ބިޑަށްލުމުގެ މަސައްކަތް ގަވާއިދާ އެއްގޮތަށް ކުރަމުންގެންދާ ކަމަށެވެ. އަދި ހުރިހާ ތަނެއް އެއްފަހަރާ ބިޑަށްލުމުގެ ބަދަލުގައި ހަތަރު ފަސް ތަން އެއްކޮށް ބިޑަށްލާ ގޮތަށް އެމަސައްކަތް ކުރިއަށް ގެންދަނީ އެ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓިދާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.