14 Feb 2013, 09:53
ކޮލަމްބޯ (ފެބްރުއަރީ 13): ސްރީލަންކާ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހޯދަންބޭނުންވާ ލޯންގެ މަސައްކަތް އެގައުމުގެ ސަރުކާރުން ހުއްޓާލައިފި އެވެ.
އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ މިލޯނު ހޯދުމުގެ މަސައްކަތް ހުއްޓާލިކަން ހާމަކުރަމުން ސްރީލަންކާގެ މަރުކަޒީ ބޭންކުން ބުނީ އެ ލޯނުގެ ފައިސާ ބޭނުން ކުރާނެ ގޮތަކާ މެދު އައިއެމްއެފްއާ ޚިޔާލުތަފާތުވެފައިވާ ކަމަށާއި ލޯނުގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެކަމުގެ ސަބަބުންނެވެ. ޚިޔާލު ތަފާތުވީ ލޯން ފައިސާ ބޭނުންކުރުމަށް އައިއެމްއެފްއިން ކުރިމަތި ކުރި ހަރުކަށި ޝަރުތުތަކުގެ ސަބަބުން ކަމަށް ސްރީލަންކާގެ ނޫސްތައް ބުނެ އެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ރައީސް ޕުންޗި ބަންޑާ ޖަޔަސުންދްރާ ވިދާޅުވީ މި ފައިސާ ބޭނުން ކުރަން ސްރީލަންކާ ސަރުކާރުން ނިންމާފައި ވަނީ ބަޖެޓްގައި ހިމެނޭ ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ކަމަށްވާ އިރު އައިއެމްއެފް އިން ބޭނުން ވަނީ މަރުކަޒީ ބޭންކުގެ ރިޒާވް މަތި ކުރުމަށާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި މި ލޯންގެ ފައިސާގެ ބޭނުން ކުރުމަށެވެ. އައިއެމްއެފްއިން ހޯދުމަށް ރާވާފައިވާ އިތުރު ލޯނެއްގެ މަސައްކަތް ވެސް މިވަގުތު މަޑުޖައްސާލާފައިވާ ކަމަށް ޖަޔަސުންދްރާ ވިދާޅުވި އެވެ.
ސްރީލަންކާ ސަރުކާރުން ގެންދަނީ 30 އަހަރުގެ ދިގުލީ ހަނގުރާމައަށް ފަހު އެގައުމުގެ އިންފްރާސްޓްރަކްޗަރ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެމުންނެވެ. އައިއެމްއެފް ބުނާ ގޮތުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލޯން ދިނުމަކީ އެފަންޑްގެ އުސޫލުތަކާ ޤަވާއިދުތަކާ ފުށުއަރާކަމެކެވެ. ބަޖެޓް ސަޕޯޓާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމަށާއި މަރުކަޒީ ބޭންކުގެ ރިޒާވް މަތިކުރުންފަދަ ކަންތައްތަކަށް ނޫނީ ލޯން ނުދެވޭނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެ އެވެ. (ސްރީލަންކާގެ މީޑީޔާ)