14 Feb 2013, 09:50
ކިޔޭވް (ފެބްރުއަރީ 14): ޔުކްރޭންގެ މަތިންދާބޯޓެއް ވެއްޓި ފަސް މީހަކު މަރުވެ 12 މީހަކު ޒަޚަމްވެއްޖެ އެވެ.
ޔުކްރޭންގެ އިމަޖެންސީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ މިބޯޓު ވެއްޓުނީ އެގައުމުގެ ދޮނިތްސިކް އެއާޕޯޓުގެ ރަންވޭއަށް އިމަޖެންސީކޮށް ތިރިކުރަން އުޅުމުގެ ތެރޭގައި ކަމުގަ އެވެ. އެވަގުތު ދުންފިނީގެ ސަބަބުން ޕައިލެޓަށް އެއްވެސް ތަނެއް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެވުޒާރާއިން ބުނެ އެވެ. މި ބޯޓު ވެއްޓުމުގެ ފަހަތުގައިވާ ސަބަބުތައް ރަނގަނޅަށް ބެލުމަށް ޓަކައި ކަމާ ބެހޭ ފުރިހަމަ ތަޙްޤީޤެއް ކުރާނެ ކަމަށް ޔުކްރޭންގެ ސިވިލްއޭވިއޭޝަން ދާއިރާ އިން ވަނީ ހާމަކޮށްފަ އެވެ.
ރަޝިޔާގައި އުފައްދާފައިވާ އެންޓެނޯވް އޭ 24 މަރުކާގެ މި ބޯޓު ދަތުރުކުރީ 45 މީހުންނާ އެކު ޔުކްރޭންގެ އޮޑިއްސާ ރެސޯޓުން ދޮނިތްސިކް އެއާޕޯޓަށެވެ. މިބޯޓުން މައިގަނޑު ގޮތެއްގައި ދަތުރުކުރީ ފުޓްބޯޅައިގެ ސަޕޯޓަރުންތަކެއް ކަމަށްވެ އެވެ. އެމީހުން ދަތުރުކުރީ ދޮނިތްސިކް ގައި އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތެއް ބެލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުކްރޭންގެ ފުލުހުން ބުނާގޮތުން ބޯޓު ރަންވޭއަށް ތިރިކުރަން އުޅުމުގެ ތެރޭގައި ރަންވޭއާ 700 މީޓަރު ދުރުން އެބޯޓުވަނީ ބިމުގައިޖެހިފަ އެވެ. މިއާއެކު ބޯޓު ފަޅައިގެން ދިޔުމާ އެކު އޭގައި އަލިފާން ހިފުމުގެ ކުރިން ގިނަ ފަސިންޖަރުންވަނީ ބޯޓުން ނުކުތުމުގައި ކާމިޔާބު ހޯދާފަ އެވެ. މަރުވިކަމަށް ބެލެވިފައި ވަނީ އަލިފާން ހިފުމުގެކުރިން ބޯޓުން ނުނުކުމެވުނު ފަސިންޖަރުންނެވެ. (ބީ.ބީސީ)