ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނީ އިމުން ބޭރުން ހައްޔަރު ކުރި އެވެ. އެއާ އެކު ރައްޔިތުންގެ ހިތުގައި އުފެދުނު ސުވާލަކީ އެ މައްސަލައިގައި ރައީސް ނަޝީދު ކުށްވެރިވާ ނަމަ އެކަމުގައި އެމަނިކުފާނުގެ މައްޗަށް ފިޔަވަޅު އެޅިދާނެ ކަމުގެ ސުވާލެވެ. ރައީސް ނަޝީދުގެ މައްސަލަ ތަހުގީގުކޮށް އެމަނިކުފާނާ މެދު ދައުވާ އުފުލިދާނެ ކަމަކަށް ގިނަ ބަޔަކު ހީނުކުރި ނަމަވެސް އެކަން ވަނީ ހަގީގަތަކަށްވެފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާފައިވާ އިރު މިހާރު އުފެދޭ ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނުގެ ޝަރީއަތް ނިމި ހުކުމަކާ ހަމަ އަށް ވާސިލުވެވިދާނެ ކަމުގެ ސުވާލެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު ނަޝީދުގެ ޝަރީއަތް ފެށުމާ އެކު ދައުވާ އަށް އިންކާރު ކުރައްވައި އޭނާގެ ފަރާތުން ނެންގެވީ އިޖުރާއީ ނުކުތާތަކެކެވެ. އެ އިޖުރާއީ ނުކުތާތަކަށް ހުޅުމާލޭ ކޯޓުން ތާއީދު ނުކުރުމުން އެ މައްސަލަ ދެން ވެއްދީ ހައި ކޯޓަށެވެ. އެއާ އެކު ނަޝީދު އެދިވަޑައިގަތް ގޮތަށް ހައިކޯޓުން އެ މައްސަލައާ މެދު ވަކިގޮތަކަށް ނިމެންދެން ނަޝީދުގެ ޝަރީއަތް މެދުކަނޑާލުމަށް ހައިކޯޓުން ކުރި އަމުރާ އެކު މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމަ އަށް ޝަރީއަތް އޮތީ މެދުކެނޑިފަ އެވެ.

އިޖުރާއީ ނުކުތާތައް ބަލައިނުގަތުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ހައިކޯޓުން ހުކުމް އިއްވުމާ އެކު ޝަރީއަތް ކުރިއަށްގެންދިޔުމަށް އޮތް ހުރަސްތައް ނެތިގެން ދިޔަ އެވެ. އޭގެފަހުން މި މަހުގެ 10 ވަނަ ދުވަހަށް ނަޝީދުގެ ޝަރީއަތް ޝެޑިއުލް ކުރި ނަމަވެސް ޝަރީއަތަށް ހާޒިރުނުވެ ނަޝީދު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ. ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފުރަތަމަ ފަހަރަށް ޝެޑިއުލް ކުރި ދުވަހު ވެސް ޝަރީއަތަށް ހާޒިރުނުވެ ކެމްޕޭން ދަތުރެއްގައި އަތޮޅުތެރެއަށް ފުރާވަޑައިގެންނެވި އެވެ. އޭގެ ފަހުން ޝަރީއަތް ފަށާފައި ވަނީ ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ފުލުހުން ގޮސް އެމަނިކުފާނު ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކޮށްދިނުމުންނެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވި ގޮތުގައި ނަޝީދުގެ ފަރާތުން މިހާރު ނަންގަވާފައިވާ އިޖުރާއީ ނުކުތާތަކުގެ އިތުރުން ވެސް އެ ދައުވާގައި އިޖުރާއީ އެތަކެއް މައްސަލަތަކެއް އެބަ ހުއްޓެވެ.

ޝާއިރު ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުށް، ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ މިހާތަނަށް ކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ކަމަށާއި ރައީސް މައުމޫންގެ 30 އަހަރުގެ ސަރުކާރުގައި ވެސް އެ ދައުވާ ކުރަން ޖެހޭ ހާލަތްތަކެއް މެދުވެރިވެފައިވާ އިރު އެ ދައުވާ ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެހާ ދުވަސްފަހުން އަނެއްކާ އެ ދައުވާ ކުރެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ އިރު އެ ދައުވާގައި ހުރި އިޖުރާއީ މައްސަލަތަކާ މެދު ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމިދާނެ ކަމަށް ނުބެލެވޭކަމަށް ޝާއިރު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހަކު ހައްޔަރު ކުރިތާ 24 ގަޑިއިރު ފަހުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހަކު ހައްޔަރުކޮށްފައި ވަނީ ހެއްކެއް ނެތި ކަމަށް ނުވަތަ ކުށުގެ ވެށީން ނޫން ގޮތަކަށް ވާތީ ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައި އެވެ. އަދި އެފަދަ ކުށް ކުރި ފުލުހުންނާ މެދު މިހާތަނަށް ވެސް ދައުވާ ކޮށްފައި ނުވަނީ ގާނޫނު އަސާސީއާ ޚިލާފަށް މީހަކު ހައްޔަރު ކޮށްފި ނަމަ އެމީހަކަށް ދޭންޖެހޭނީ އެކަމުގެ ބަދަލު ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާތީ ކަމަށް ބެލެވޭ ކަމަށް ޝާއިރު ވިދާޅުވެ އެވެ.

އިޖުރާއީ މައްސަލަތައް އެއްފަރާތްކޮށްލާފައި ދައުވާ ސާބިތު ކުރާން ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ގިނަވުމާ އެކު ހެކީން ހާޒިރުކޮށް ސުވާލުކޮށް އެކަމާ ބެހޭ ގޮތުން އިތުރަށް ޖަވާބުދާރީވުމަށް ދައުލަތާއި ދިފާއީ ވަކީލުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ދިނުމަށް ފަހު ރިޔާސީ އިންތިޚާބުގެ ކުރިން ނަޝީދުގެ ޝަރީއަތް ނިމިދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ޝާއިރު ވިދާޅުވެ އެވެ.

ގަނޫނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާ ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުމާ މެދު ވިސްނަމުން އަންނަ ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ. އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޝަރީއަތް މެދުކަނޑާލަން ވަގުތީ އަމުރެއް ނެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެއީ ވެސް ނަޝީދުގެ ޝަރީއަތް އިންތިޚާބުގެ ކުރިން ނިމިދާނެ ކަމާ މެދު ސުވާލު އުފެދޭ އެއް ސަބަބެވެ.

ރާއްޖޭގައި މިހާރު ގާއިމްވެފައިވާ ކޯޓުތަކަކީ އަދުލުއިންސާފެއް ނެތް ކޯޓުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވާ އިރު ވައްކަންކުރުމާއި ފޭރުމާއި މީހުންމެރުން ފަދަށް ކުށުގެ މައްސަލަތަކުގެ ޝަރީއަތް ނިންމައި ކޯޓުތަކުން ގެންދަނީ ހުކުމް ކުރަމުންނެވެ. ނަމަވެސް ތަފާތު ބަހަނާތައް ދައްކަވައި ކޯޓަށް ހާޒިރުނުވާން ކުރެވެން އޮތްކަމެއް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތަށް ނަޝީދު ހާޒިރުވެވަޑައިނުގަތުމުން ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރާން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރި އެވެ. ނަމަވެސް ފުލުހުން ނަޝީދު ހައްޔަރުކޮށްފާނެތީ އިއްޔެ މެންދުރުގެ ވަގުތެއްގައި އިންޑިއަން ހައިކޮމިޝަންގެ ތެރެއަށް ވަދެވަޑައިގެން ނަޝީދު ވަނީ ފިއްލަވައިފަ އެވެ.

ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ކުރިން ނަޝީދުގެ ޝަރީއަތް ނިމޭނީ އަވަސް އަވަހަށް ޝަރީއަތް ތާވަލްކޮށްގެން ޝަރީއަތް ބޭއްވޭ ނަމަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތް ކުރިއަށް ގެންދިޔުމުގައި މިހާރު ކުރިމަތިވަމުންދާ ހުރަސްތައް މެދުކެނޑުމެއް ނެތި ކުރިމަތިވަމުންދާ ނަމަ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ޝަރީއަތް ނުނިމޭނެ އެވެ.

"މިހާރު މިދާގޮތަށް ކަންތައް ކަންތައްވާ ނަމަ ރިޔާސީ އިންތިޚާބާ ހަމައަށް އެ ޝަރީއަތް ނުނިމޭނެ. ޝަރީއަތް ނިމެން އޮތީ އަވަސް އަހަށް ޝަރީއަތް ބޭއްވޭނަމަ،" ޝާހު ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ކޮންމެ ބޭފުޅެއްކަމަށް ވިޔަސް އަދި ދައުލަތުގެ ވަޒީފާ އަދާކޮށްފައިވާ ކޮންމެ މީހަކު ވެސް ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު އެ މައްސަލައެއް ޝަރީއަތަށް ހުށަހަޅައި ވީއެންމެ އަވަހަކަށް ޝަރީއަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން މިހާރު ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރުތަކެވެ. ދައުލަތުން ކުރައްވާ ދައުވާ ސާބިތުވެއްޖެ ނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮތް ފުރުސަތު ގެއްލިދާނެތީ އެކިއެކި އުޒުރުތައް ދައްކަވައި ނަޝީދު ގެންދަވަނީ ޝަރީއަތަށް ހާޒިރު ނުވަމުންނެވެ.

މިހާތަނަށް ރުހުމުގައި އެއްވެސް އިރެއްގައި އެމަނިކުފާނު ޝަރީއަތަށް ހާޒިރުވެފައި ނުވެ އެވެ. އެހެންކަމުން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް ކުރިމަތިވަމުންދާ ތަފާތު ހުރަސްތަކުގެ ސަބަބުން އަންނަން އޮތް ރިޔާސީ އިންތިޚާބާ ހަމައަށް ވެސް ޝަރީއަތް ނުނިމި ދިގުދެމިގެން ދިޔުމަކީ ގާނޫނީ ވަކީލުން ވިދާޅުވާ ފަދައިން ވުން އެންމެ ގާތް ގޮތެވެ.

ނަމަވެސް ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ނިޒާމުން ގެއްލުވާލި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ނުހިންގޭ ނަމަ އަދުލުއިންސާފުގެ ކުރިމަތީގައި ހަމަހަމަ ކަމެއް ނެތް ކަަމަށް ދުށުމުގެ ޖާގަ އޮންނާނެ އެވެ. އޭރުން އަދުލުއިންސާފު މާނަ ކުރެވޭނީ، "ބޮޑެތި މީހުން" ކުރާ ކުށްތަކަށް އަދަބު ނުލިބި އާދައިގެ މީހުން ކުރާ ކުށްތަކަށް އަދަބު ލިބޭ ނިޒާމެއްގެ ގޮތުގަ އެވެ.