ސިޔާސީ ނުވަ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 11.77 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 16 ސިޔާސީ ޕާޓީގެ ތެރެއިން މިދިޔަ ހަފްތާގައި ފައިސާ ދޫކޮށްފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަދާލަތު ޕާޓީ، މޯލްޑިވިއަން ނެޝަނަލް ކޮންގުރެސް، ޖުމްހޫރީ ޕާޓީ، ދިވެހި ގައުމީ ޕާޓީ، ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި މޯލްޑިވްސް ޑިވަލޮޕްމެންޓް އެލެޔަންސް (އެމްޑީއޭ) އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު އެންމެ ގިނައިން ފައިސާ ލިބިފައިވާ ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީ އަށް 3.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދެވަނަ އަށް މެންބަރުން ގިނަ ޕީޕީއެމް އަށް 1.98 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޑީއާރްޕީ އަށް ލިބުނީ 1.9 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީޕާޓީ އަށް 1.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު އަދާލަތުޕާޓީ އަށް ލިބުނީ 794000ރ. އެވެ

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އަށް 608000ރ. ލިބިފައިވާ އިރު އެމްޑީއޭ އަށް ލިބުނީ 624000ރ. އެވެ. އަދި ދިވެހި ގައުމީ ޕާޓީ އަށް 529000ރ. ލިބިފައިވާ އިރު އެމްއެންސީ އަށް ލިބުނީ 478000ރ. އެވެ.

އިލެކްޝަންސް ކޮމްޝަން އިން މި އަހަރު ފައިސާ ދޫކޮށްފައި ނުވާ ސިޔާސީ ޕާޓީތަކަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ، ސޯޝަލް ލިބަރަލް ޕާޓީ، ޕީޕަލްސް ޕާޓީ، ޕީޕަަލްސް އެލެޔަންސް، މޯލްޑިވިއަން ލޭބާ ޕާޓީ، އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު ފައިސާ ދޫ ނުކުރާ ސިޔާސީ ޕާޓީތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ އެ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައި ނުވަނީ އެ ސިޔާސީ ޕާޓީތަކަކީ އޮފީސް ހުންނަ ތަންތަން ވެސް ނޭނގޭ އަދި އިލެކްޝަންސް ކޮމިޝަން އަށް ދީފައިވާ ނަންބަރުތަކުން ވެސް ނުގުޅޭ ސިޔާސީ ޕާޓީތައް ކަމަށެވެ. އަދި މީގެ އިތުރުން އެ ސިޔާސީ ޕާތީތަކަށް ފައިސާ ދޫކޮށްފައި ނުވަނީ އެ ސިޔާސީ ޕާޓީތަކަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ އަދަދަށް މީހުން ހަމަ ނުވާ ޕާޓީތައް ކަމަށެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކަކީ އަހަރީ ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫ ކުރާނީ ކޯޓުން އެންގުމުން ކަމަށެވެ.