ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރިމެޗު އެކެއް އެކަކުން ރެއާލް އާއި އެއްވަރުވެ، ޔުނައިޓެޑަށް ކުއާޓާގެ އުއްމީދު އާވެއްޖެ އެވެ.

މެޗުފެށިގެން ހަތްވަނަ މިނިޓުގައި ޔުނައިޓެޑްގެ ގޯލްހުޅުވައިލާނޭ ރީތި ފުރުސަތެއް ރެއާލްއިން ތަނަވަސް ކުރިއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ފަބިއޯ ކޮއެންޓްރާއޯ ފޮނުވާލި ބާރު ހަމަލާގޮސް ޔުނައިޓެޑްގެ ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ އަތުން ޖަހައި ބޭރަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފްގެ 20 ވަނަ މިނިޓުގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ އެޓީމަށް ލިބުނު ކޯނަރެއް ބޮލުން ޖަހައި ރެއާލްގެ ގޯލްތެރެއަށް ވައްދާލައިގެން ޑެނީ ވެލްބެކް އެވެ. ކޯނަރު ނަގައިދިނީ ވޭން ރޫނީ އެވެ.

ޔުނައިޓެޑުން ލަނޑު ކާމިޔާބު ކުރިތާ 10 މިނިޓުފަހުން ރެއާލްއަށް މެޗުގެ ނަތީޖާ އެކެއް އެކަކުން އެއްވަރު ކޮށްދިނީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އެންޖެލް ޑިމާރިއާ ނަގަދިން ހުރަހެއް ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

34 ވަނަ މިނިޓުގައި ޔުނައިޓެޑަށް ނަތީޖާ ބަދަލުކޮށްލާނޭ ރަނުގެ ފުރުސަތެއް ލިބިގެން ދިޔަ ނަމަވެސް ވެލްބެކަށް ރެއާލްގެ ކީޕަރު ލޮޕޭޒް ގެ ކުރިމަތިން ދިޔަބޯޅައިގައި ފައިޖައްސާލުން ފިޔަވައި އިތުރު ކަމެއް ނުކުރެވި އެބޯޅަ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރެއާލްއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފަ އެވެ. އެގޮތުން 42 ވަނަ މިނިޓްގައި ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ޔުނައިޓެޑްގެ ގޯލްގެ ހުރަސްދަނޑީގެ ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ. އަދި ވަރުގަދައަށް ޑިފެންސް ކުރަމުން ދިޔަ ޔުނައިޓެޑްގެ ގޯލަށް އިތުރު ލަނޑެއް ނުވަދެ ފުރަތަމަ ހާފު ނިމުނީ އެކެއް އެކަކުން ދެޓީމު އެއްވަރު ވެގެން ނެވެ.

ފަހުހާފުގައި ކަރިމް ބެންޒެމާގެ ބަދަލުގައި ކުޅެން ނުކުތް ހިގުއާއިން މެޗުގެ 70 ވަނަ މިނިޓުގައި ޔުނައިޓެޑްގެ އޭރިއާގެ ތެރެއަށް ނަގައިދިން ރީތި ހުރަސް ރޮނާލްޑޯ ވަނީ އެހާރީތިކޮށް ޔުނައިޓެޑްގެ ގޯލަށް ފޮނުވާލާފަ އެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ހުށިޔާރު ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ އެހާމެ މޮޅަށް އެބޯޅަ މަތަކޮށްފަ އެވެ.

ކައުންޓާ އެޓޭކްގައި ބޯޅަ ހޯދައިގެން ކުރިއަރަމުން ދިޔަ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ބަދަލު ކޮށްލާނޭ ރަނުގެ ފުރުސަތެއް ލިބިގެން ދިޔަ ނަމަވެސް ރޮބިން ވެން ޕާސީ، ރެއާލްގެ ކީޕަރު ޑިއެގޯ ލޮޕޭޒްގެ ބޯމަތިން ވައްޓާލި ބޯޅަ ގޯލްތެރެއަށް ވަދެވަދެ އޮއްވާ ސަލާމަތްކުރީ ޒާބީ އެލަންސޯ އެވެ.

މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ރެއާލްއަށް ނަތީޖާ ބަދަލުކޮށްލާނޭ އިތުރު ރަނުގެ ފުރުސަތެއް ތަނަވަސް ކޮށްދިނީ ޑިމާރިއާގެ ބަދަލުގައި ކުޅެން ނުކުތް ލޫކާ މޮޑްރިޗް އެވެ. މޮޑްރިޗް ޔުނައިޓެޑްގެ ގޯލްއޭރިޔާ ތެރެއަށް ނަގައިދިން ހުރަސް ކްރިސްޓިއާނޯ ރޮނާލްޑޮ ފޮނުވާލަން އުޅެނިކޮށް ފިލްޖޯންސް ވަނީ ބޯޅަ ސަލާމަތް ކޮށްދީފަ އެވެ.

ރައުންޑް އޮފް 16ގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ފުރަތަމަ ލެގު ނިމިގެން ދިޔައީ ދެޓީމު އެކެއް އެކަކުން އެއްވަރުވެގެން، މެޗުގެގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން މޮޅުކުޅުމެއް ދެއްކި ރެއާލްއަށް އިތުރު ނުތަނަވަސް ކަމެއް ގެނުވަމުން މެންޗެސްޓާ ޔުނައިޓެޑަށް ކުއާޓާގެ ފުރުސަތު ތަނަވަސް ވެގެން ނެވެ.

ވެލްބެކް ކާމިޔާބުކޮށްދިން އަވޭގޯލްއާ އެކު ޔުނައިޓެޑަށް ހޯމް އެޑްވާންޓޭޖް ލިބޭ އިރު މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށް ކުއާޓާއަށް ދިޔުމުގެ އުއްމީދު ޔުނައިޓެޑަށް މިހާރު މިވަނީ ބޮޑުވެފަ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ޒުވާން ގޯލްކީޕަރު ޑޭވިޑް ޑެ ހެއާގެ މޮޅު ސޭވްތައް ފާހަގަ ކޮށްލެވޭ އިރު ރެއާލްއިން ވަނީ ޔުނައިޓެޑްގެ ގޯލަށް 29 ހަމަލާ ފޮނުވާލައި އޭގެތެރެއިން 14 ހަމަލާ ގޯލަށް އަމާޒު ކޮށްފަ އެވެ. ޔުނައިޓެޑަށް އުފެންދުނީ އެގާރަ ހަމަލާ އެވެ. އަދި އޭގެ ތެރެއިން ގޯލަށް އަމާޒު ކުރެވިފައި ވަނީ ހަ ހަމަލާ އެވެ.

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑުގެ ދެވަނަ ލެގުގައި މިދެޓީމު ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މާޗު މަހުގެ ފަސްވަނަ ދުވަހު އެވެ.