14 Feb 2013, 01:00
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްޑީޕީން މިއަދު ހެނދުނުން ފެށިގެން ކުރަމުންދިޔަ މުޒާހަރާ ސޯސަންމަގުގައި މިރޭ ކުރަމުންދަނިކޮށް، މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލަދޭން އުޅުމުން މުޒާހަރާ ރޫޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިރޭ ވިދާޅުވީ ސޯސަން މަގު އުތުރުގައި އެމްޑީޕީން ކުރަމުން ގެންދިޔަ މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅިފަދަ ތަކެތި، އުކަން ފެށުމުން އެއްވުން ރޫޅާލާފައިވާ ކަމަށެވެ. އަދި މުޒާހަރާގައި ފުލުހުންނަށް ހުރަސްއެޅި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންނާ ބެހޭ ވަނަވަރު ފަހުން ހާމަ ކުރައްވާނެ ކަމަށް ހަނީފު ވިދާޅުވި އެވެ.
އެމްޑީޕީން މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުނީ ސޯސަން މަގުގައި އެމްޑީޕީން މިރޭ ކުރަމުންދާ މުޒާހަރާގައި ޖަލްސާއެއް ބޭއްވި ކަމަށާއި އެ ޖަލްސާ ނިންމާލުމަށްފަހު، އެ ސަހަރައްދުގައި ފުލުހުން މަގު ބަންދު ކުރުން ޖަހާފައިވާ ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިންތަކެއް އުކާލާފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންތަކެއް ފުލުހުންނާ ދިމާލަށް ގާ އުކިމަންޒަރު ފެނުނު ކަމަށް ވެސް ސަންގެ ނޫސްވެރިޔާ ބުންޏެވެ.
މުޒާހަރާގައި ހަމަނުޖެހުން އުފައްދަން ފެށުމުން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރުދިނުމަށްފަހު، ރަޔަޓް ފުލުހުން ނުކުމެ، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފައްސާލާފައިވެ އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ސޯސަންމަގުގެ އުތުރަށް ނުދެވޭ ގޮތައް ރޯޝަނީ ބިލްޑިންއާ ހިސާބުގައި މަގު ބަންދު ކުރުމަށް ބެރިކޭޑް ޖަހާފައިވެ އެވެ.
އެމްޑީޕީން މިރޭ ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ ހާނިކަވެފައިވެ އެވެ.
މުޒާހަރާ ރޫޅާލާފައިވާއިރު، އެމްޑީޕީގެ ސަޕޯޓަރުންތަކެއް އަދިވެސް ސޯސަންމަގުގެ އެކި ހިސާބުތަކުގައި އެއްވެއެބަތިއްބެވެ. ގިނަ މީހުން ތިބީ ސޯސަންމަގު ރޯޝަނީ ބިންޑިންއާ ހިސާބުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްތަކުގެ ކުރިމަތީގަ އެވެ.