14 Feb 2013, 00:05
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސްޕަމާޓުން މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް ސްޕޮންސާ ކޮށްފި އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ގައި މިރޭ ބޭއްވި ސްޕޮންސާޝިޕް އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ. އަދި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ އެ ޓީމުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) އެވެ.
ސޮއިކުރުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަށް އެސްޓީއޯ އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެންމެ ދުވަސްވީ ސުޕަ މާކެޓާއި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ސަޕޯޓަރުން ގިނަ ފުޓްބޯޅަ ޓީމާއެކު އެސްޓީއޯއިން އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަކީ އެ ކުންފުނިން އުފާ ކުރާ ކަމެއް ކަމަށެވެ.
ވޭތުވެ ދިޔަ އަހަރުގެ ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމް ސުޕޮންސާ ކުރުމަކީ އެސްޓީއޯ އަށާއި އަދި ނިއުރޭޑިއެންޓަށް ވެސް ރަނގަޅު ފައިދާތަކެއް ކުރާނެ ކަމަށް އުމްމީދު ކުރަށްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބްގެ ޗެއާމަން ބަލަކް ވިދާޅުވީ، މިރެއަކީ އެ ޓީމަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ރެއެއް ކަމަށާއި އަދި އެ ޓީމުން ދެކެމުންއައި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ރެއެއް ކަމަށެވެ.
"މިރެއަކީ ނިއުއަށް ވަރަށް އުފާވެރި ރެއެއް. އަދި މިރެއަކީ އަޅުގަނޑުމެން ދެކެމުން އައި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވެގެން ދިޔަ ރެއެއް. ރާއްޖޭގެ ރައްޔިތުންގެ ފިހާރައާއެކު ސްޕޮންސާޝިޕް އެގްރީމެންޓެއްގައި ސޮއިކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ބަލަކް ވިދާޅުވި އެވެ.
ބަލަކް އިތުރަށް ވިދާޅުވީ އެސްޓީއޯއަކީ ރައްޔިތުންގެ ފިހާރަކަމަށާއި އެ ފިހާރައިން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ކުރަމުން ގެންދާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރަށްވާ ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ ފުޓްބޯޅަ ޓީމުތައް ހިންގުމަށްޓަކައި އެސްޓީއޯއިން ކުރަށްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ބަލަކްވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.
އަދި އެސްޓީއޯ ސުޕަމާޓުން ތަކެތި ބައްލަވައިގަތުމަށް ވެސް ނިއުގެ ޗެއާމަން ވަނީ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.