ޕިކަޕަކަށް އަރުވާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ޕިކަޕަކަށް ލައިގެން ގެންދިޔަ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެ، އެ ޕިކަޕުގައި ތިބި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލައިގާ ހައްޔަރުކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

ފުލުހުން އަދި ބުނީ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން މިރޭ 08:30 ހާއިރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ބަނގުރާ ފުޅިތައް އަތުލައިގަނެވިފައިވަނީ ޗާންދަނީ މަގުން ދެކުނަށް ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވާ ބަލައި ފާސްކުރިކުރުމުންނެވެ.

އޮޕަރޭޝަނުގައި ޖުމްލަ 60 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާއިރު އެއިގެ ތެރޭގައި ހިމެނެނީ ސްމްރިނޮފް ބްރޭންޑުގެ 36 ފުޅިއާއި ޑީވަރސް ގެ 12 ފުޅިއާއި ބެލެންޓިންސް ފައިނެސްޓް 12 ފުޅިއެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަހްގީގް ކުރަމުންނެވެ.