13 Feb 2013, 23:37
ޔާމީންގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމަކީ ރާއްޖޭގެ އިގްތިސާދަކީ ވަރުގަދަ އިގްތިސާދަކަށް ހެއްދެވޭތޯ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މައްޗަން ގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެބޭފުޅާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެބޭފުޅާގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ކަމަށާއި އެއީ ގައުމަށް ހަމަޖެހުން ލިބޭނީ އެގޮތުގައި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދިނުން. ރައްޔިތުންނަށް ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތް ކުރަން ޖެހޭ. މުޅި ދައުލަތަކީ ތަނަވަސް ދައުލަތަކަށް ނުވާ ނަމަ އަޅުގަނޑުމެން އަބަދު ވެސް ފެންނާނީ ދައުލަތުން ކުރަން ޖެހޭ ހޭދަ އެއްދުވަހުން އަނެއް ދުވަހު އިތުރުވަމުންދާތަން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ހަމަނުޖެހުމާއި އެހެނިހެން ހަމަނުޖެހުތައް ހުއްޓުވަން އިގްތިސާދު ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ހަމަޖެހުން ނުގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދު ހަރުދަނާ ކުރުމާ އެކު ޒުވާނުންނަށް ވެސް އޭނާގެ ސަރުކާރަކުން ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުޅިވަރު ފަދަ ކަންތައްތައް ޒުވާނުންނަށް ހޯދައިދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭނާގެ ސަރުކާރެއްގައި ސަރުކާރުގެ މުއައްސަސާތަކުން ކުރަން ޖެހޭ އެންމެހާ ކަންތައްތަކަކީ ފަސޭހައިން ކުރެވޭނެ ކަންތައްތަކަށް ހެދުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަފުޅުގައި އޭނާ މައްޗަންގޯޅީ އަވަށަށް ކޮށްދެއްވި ކަންތައްތަކަށް އަލިއަޅުވާލަވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. ޔާމީން ވިދާޅުވީ މައްޗަންގޮޅި ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަކީ އޭނާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފެއްޓެވުން ކަމަށާއި އެގޮތުން ކުރިއަށް އޮތްތަނުގައި ތަފާތު އަވައްތަކުގެ ރައްޔިތުންނާ މަޝްވަރާކޮށް މެނިފެސްޓޯއެއް އެކުލަވާލުމަށް ބޭނުންވާ ހިޔާލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.