10 Oct 2010, 04:43
މާލޭ ހުޅަނގު ދެކުނު ފަރާތު ކަނޑިންމަ ކައިރީ އިއްޔެ ހެނދުނުގެ ވިލިނގިލީ ފެރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި ހިނގި އެކްސިޑެއްޓެއްގައި ފެރީން ދަތުރުކުރި ދެ މީހަކަށް އަނިޔާވެ ކުޑަ ކުއްޖެއްގެ ބޯފަޅައިގެން ހިނގައްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ މާލެ އިން ފުރައިގެން ވިލިގިއްޔަށް ދިއުމަށް ދަތުރުކުރި އެމްޓީސީސީގެ ފެރީ "ހެއްވާލި" އިން ދަތުރުކުރި ދެމީހަކަށެވެ. ފުލުހުން ބުނީ އަނިޔާވެފައި ވަނީ އެ ފެރީން ދަތުރުކުރި މަންމަޔަކަށާއި އޭނާގެ ހަތަރު އަހަރަށްދާ ދަރިފުޅަކަށެވެ. އެ އެކްސިޑެންޓްގައި ހަތަރު އަހަރުގެ ކުޑަކުއްޖާގެ ބޯފަޅައިގެން ދިޔައިރު އަންހެން މީހާއަށް ވެސް ކޮންމެވެސްވަރެއްގެ އަނިޔާތަކެއްވަނީ ލިބިފަ އެވެ. މި ދެ މީހުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންވަނީ ފަރުވާދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިންގަން މެދުވެރިވި ކަމަށް ބެލެވެނީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދިއުމަށް މާލޭ ފަޅުން ނުކުންނަން އުޅުނު "ހެއްވާލި" ދޯނީގެ ފަހަތުކޮޅުގައި މާލޭފަޅަށް ވަންނަން އައި މުދާއުފުލާ "ސިގްނަލް 4" ދޯނީގެ ދިރުބާކޮޅުން ޖެހުމުންނެވެ. މިއެކްސިޑެންޓްގައި ފެރީގެ ވާތްފަރާތު މެދުންފެށިގެން ފަހަތަށް ވާގޮތަށް ހުރި ގެގަނޑާއި ތަނބުތަކާއި ގޮޑިތަކަށްވަނީ ގެއްލުންވެފަ އެވެ. އަދި މުދާއުފުލާ ދޯނީގެ ކުރީކޮޅު ގެގަނޑުން ތިން ފޫޓެއްހާތަން ހަލާކުވެ، ދިރުބާކޮޅު ތިރިންވެސްވަނީ ތަންގަޑެއް ހަލާކުވެފަ އެވެ.