ކެޕްޓަން އަބްދުލް ވާހިދު ކާމިޔާބުކޮށްދިން ދެލަނޑާ އެކު ފައިނަލް މެޗުގައި ދޭއް ސުމަކުން ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބު ވެލެންސިޔާ އިން މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލްމެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ވެލެންސިޔާ އަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަހާފުގެ ފުރަތަމަ މިނިޓުގައި އެޓީމުގެ ކެޕްޓަން ވާހިދު އެވެ. އަދި ދެވަނަ ހާފުގެ 66 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ވާހިދު އެވެ.

ދެ ޓީމުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ލަނޑުޖަހާނޭ ފުރުސަތުތައް ދެޓީމުން ވެސް ވަނީ ތަނަވަސް ކޮށްފަ އެވެ. އަދި މިއަދުގެ މެޗުގައި ވެލެންސިޔާގެ ވާހިދު އާއި އަހްމަދު ވިޝާމްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެ އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި މެޑަލް އަދި އިނާމު ދިނުން އޮތެވެ. އިނާމުތައް ބައްސަވައި ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާން، ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަކަށް ކުލަބް ވެލެންސިޔާ އަދި ރަނަރަޕް ޓީމަކަށް ބީޖީ ސްޕޯޓްސް ކުލަބު ހޮވުނު އިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ވެލެންސިޔާގެ އަހްމަދު ވިޝާމް އާއި ބީޖީ ސްޕޯޓްސްގެ މުހައްމަދު ޝަބީން އާދަމް އާއި ވީބީ އައްޑޫ އެފްސީގެ އަހްމަދު ޝުޖާއު އަދި ވެލެންސިޔާގެ އަހްމަދު ލަބާން ޝަރީފް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުލަބް ވެލެންސިޔާގެ ކޯޗް އަސްލަމް އަބްދުއްރަހީމް އެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ އެކު ބޭއްވި މުބާރާތެކެވެ.