13 Feb 2013, 23:12
ނަޝީދުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ އެކު މަޝްވަރާކުރަމުންދާ ކަމަށް އިންޑިއާ އިން ބުނެފައި ވިއަސް އިންޑިއާ އިން މަޝްވަރާ ނުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނުން ނުވަތަ އިންޑިއާ ސަރުކާރުގެ އެހެން އިދާރާއަކުން ވެސް ނަޝީދުގެ މައްސަލާގައި ދިވެހި ސަރުކާރާއި ވާހަކަ ދައްކާފައިނުވާ ކަމަށާއި ނަޝީދު އިންޑިއާގެ ހައި ކޮމިޝަންގެ ތެރޭގައި ހުންނެވި ކަން އިންޑިއާ އިން ކަށަވަރުކޮށްދީފައި ވަނީ ވެސް ފޮރިން މިނިސްޓްރީ އިން އެތައް ފަހަރެއްގެ މަތިން އެކަން ސާފުކޮށްދިނުމަށް އެދުމަށް ފަހުގައި ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން މިހެން ބުނެފައިވާ އިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދުގެ މައްސަލާގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
"މިހާލަތަށް ހައްލެއް ހޯދުމަށް އިންޑިއާ އިން ދަނީ ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާއި ވާހަކަދައްކަމުން..." އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިހާރު ކުރިއަށްދާ ނަޝީދުގެ ޝަރީއަތަކީ ދިވެހި ދައުލަތުގެ މުސްތަގިއްލު ދެ މުއައްސަސާ ކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލާއި ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާ މައްސަލައެއް ކަމަށާއި އެހެން ޑެމޮކްރަޓިކް ގައުމުތަކެކޭ އެއް ފަދައިން ދިވެހި ސަރުކާރުން ވެސް މިދެ މުއައްސަސާގެ މަސައްކަތް ހުއްޓުވަން މަސައްކަތް ނުކުރާނެ ކަން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިއަދު ހިނގާދިޔަ ކަންތައްތަކުގައި ދިވެހި ސަރުކާރާއި މަޝްވަރާ ކުރުމެއް ނެތި، އިންޑިއާގެ އޮފިޝަލުން އާއްމުކޮށް މީޑިއާގައި ބަޔާންތައް ދީފައިވާތީވެ، އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެ އެވެ.