ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންދާތީ އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން މަސައްކަތް ހުއްޓުވާފައި އޮތް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް އަލުން ފަށަން ހުއްދަދީފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިރޭ ވިދާޅުވީ އައިޖީއެމް އެޗްގެ އާއިމާރާތުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވީ އެ މަސައްކަތާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުންދާތީ ކަމަށާއި އަލުން ހުއްދަ ދިނީ ބަލަން ޖެހޭ ކަންތައް ތަކެއް ބެލުމަށް ފަހު ކަމަށެވެ. އަދި އެއީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމަސައްކަތް ވަގުތީ ގޮތުން މަޑު ޖައްސާލަން އެންގީ އެކަމާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުން ދާތީ، ދެން ބަލަން ޖެހޭ ބައެއް ކަންތައްތައް ވެސް ބެލުމަށް ފަހު، އަލުން ހުއްދަ ދިނީ އެއީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވާތީ،" މުއައްވިޒު ވިދާޅުވި އެވެ.

ނަމަވެސް އެމަސައްކަތާ ގުޅޭ ކޮރަޕްޝަންގެ މައްސަލަ އަދި ބަލައި ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް އޭސީސީން ހުއްޓުވީ އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އަމީން ކޮންސްޓްރަކްޝަނާ އެ މަސައްކަތް ކުރުމަށް އަލުން ހަވާލުކޮށްފައި ވަނީ އަގު ބޮޑުކޮށް ކަމަށް ބުނެ ހުށަހެޅުނު މައްސަލަައެއް ބަލަމުން ގެންދާތީ ކަމަށް އެކޮމިޝަނުން ކުރިން ބުންޏެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ އޭރު ވިދާޅުވީ އެކޮމިޝަނަށް ހުުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެމަސައްކަތް އަލުން ފެށުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާނީ އެމައްސަލަ ބަލައިނިމުމުން ކަމަށެވެ. އަދި އަގު ބޮޑުވި ސަބަބުވެސް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލުން އެމަސައްކަތް ފެށުމަށް ބަޔަކާ ހަވާލުކޮށްފައި ވަނީ އަގު ބޮޑުކޮށް ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތައް ހާޒިރުކޮށް ގެން ކޮމިޝަނުން ސުވާލުކުރަމުން މިގެންދަނީ. އަޅުގަނޑުމެން މިގެންދަނީ އެކަން ހިނގިގޮތް ބަލަމުން، އަގުބޮޑުވި ސަބަބެއް ވެސް ބަލަމުން މިދަނީ، ވަރަށް އަވަހަަށް އެކަންތައް ބެލުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމާނަން،" ލުތުފީ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ އައިޖީއެމްއެޗްގެ 10 ބުރީގެ އާ އިމާރާތުގެ މަސައްކަތް އަލުން ފެށުމަށް ފިނޭންސް މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ ހަވާކޮށްފައި މިވަނީ އެ މަސައްކަތް އެކުންފުނިން ފެށި ފަހުން މަސައްކަަތް ހުއްޓިފައިވާތާ ދުވަސްތަކެއް ފަހުންނެވެ.