13 Feb 2013, 22:59
އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގައި ނޭޓޯ އިން ދިން ވައިގެ ހަމަލާއެއްގައި އާއްމުންގެ 10 މީހުން މަރާލާފައިވާ މައްސަލަ ތަހުގީގުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެއްޖެ އެވެ.
ކަރުޒާއީގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމަ އަފްޣާނިސްތާނުގެ އަވަށްތަކުގައި ކުރެވިގެން ނުވާނެ ކަން ފާހަގަކޮށް، މިހަމަލާ ކުށްވެރިކޮށްފައިވެ އެވެ.
ކުނާރު ޕްރޮވިންސްގައި ހުރި ތާލިބާނުންގެ އަމާޒަކަށް މިއަދު ދިން ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބީބީސީއިން ބުނެ އެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް ސެކިއުރިޓީ އެސިސްޓަންސް ފޯސް (އިސާފު)ގެ އޮފިޝަލުން ބުނީ ކުށެއް ނެތް އާއްމުން އިސާފުގެ ހަރަކާތެއްގައި މަރުވުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށާއި ކުނާރުގައި ދިން ހަމަލާގައި އާއްމުންގެ މީހުންތަކެއް މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބުމުން އެކަން ތަހުގީގުކުރަމުންދާ ކަމަށެވެ.
އިސާފުގެ އޮޕަރޭޝަންތަކުގައި އާއްމުންނާއި ކުޑަކުދިން މަރުވާ މިންވަރު އިތުރުވެގެންދާ ދިއުމަކީ، އެމެރިކާ އާއި އަފްޣާނިސްތާނާ ދެމެދު އެންމެ ހޫނުވެފައިވާ އެއް މައްސަލަ އެވެ. މިމައްސަލާގެ ސަބަބުން މީގެ ކުރިން ވެސް ކަރުޒާއީ ވަނީ ހަރުކަށި އިބާރާތުން އިސާފުގެ ބައެއް ކަންކަމަށް ފާޑުވިދާޅުވެފަ އެވެ.
ދާދި ފަހުން އދ. އިން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިސާފުން ދޭ ވައިގެ ހަމަލާތަކާއި އެމެރިކާ އިންދޭ ޑުރޯން ހަމަލާތަކުގައި އެތައް ހާސް ކުޑަކުދިންނެއް މަރާލާފައިވާ ކަމަށް ބުނެފަ އެވެ.