13 Feb 2013, 18:51
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ އިންޑިއާގެ ހައި ކޮމިޝަންގައި ކަން އެނގިފައިވާ ކަމަށާއި އެމަނިކުފާނު އިންޑިއާގެ އެހީތެރި ކަމަށް އެދިވަޑައިގެންފައިވާ ކަމަށްއިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިންބުނެފި އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުން ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް ކުރި އަމުރާއި ގުޅިގެން، ނަޝީދު ވަނީ އިންޑިއާގެ ހައި ކޮމިޝަންގެ ހިމާޔަތް އެދިފަ އެވެ.
އެކަމާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން މިއަދު ނެރުނުބަޔާނެއްގައިބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަލަބޮލިކަން ހައްލުކުރުމަށްޓަކައި، ރާއްޖޭގެ ސަރުކާރާއި، ކަމާއި ބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
ރައީސް ނަޝީދަށް އިންޑިއާއިން އެހީތެރިކަން ދޭން ނިންމާފައިވާކަން ނުވަތަ ނޫން ކަން އެ ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
ނަމަވެސް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު އިންޑިއާގެ ދަ ޓައިމްސް ނައު އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ހައިކޮމިޝަނަށް ވަޑައިގެންނެވީ ހައިކޮމިޝަނަރާ ބައްދަލުކުރައްވަން ކަމަށާއި އެހެން ކަމެއް (ހިމާޔަތަށް އެދިވަޑައިގަންނަވާ ކަމެއް ނުވަތަ ނޫން ކަމެއް) އެނގިވަޑައި ނުގަންނަވާ ކަމަށެވެ.