ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތަށް ހައްޔަރުކޮށްގެން ނަޝީދު ހާޒިރުކުރާން ހުޅުމަލޭ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުން ފަސްކުރުމަށް އަމުރު ކުރެވެން ނެތްކަމަށް ހައިކޯޓުން އަންގައިފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުން ފަސްކުރުމަށް އަމުރު ކުރާނެތަނެއް ނެތްކަމަށް ނަޝީދުގެ ގާނޫނީ ޓީމަށް ހައިކޯޓުން އަންގާފައި ވަނީ މިއަދު ހަވީރު އެ ކޯޓުން ނަޝީދުގެ ގާނޫނީ ޓީމަށް ފޮނުވި ލިޔުމެއްގަ އެވެ.

ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރު ކޮށްދިނުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ނަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު 3:00 ގައި ބާއްވަން އުޅުނު ފުރަތަމަ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ނަޝީދަށް ޗިޓް ހަވާލު ކުރެވިފައި ނުވާތީ ކަމަށް ހައިކޯޓުން ބުންޏެވެ.

އިންޑިއާ ސަރުކާރުގެ ހިމާޔަތް ހޯއްދެވުމަށް ކަމަށް ވިދާޅުވެ މިއަދު މެންދުރުން ފެށިގެން ނަޝީދު ހުންނެވީ އިންޑިއަން ހައިކޮމިޝަންގެ ތެރޭގަ އެވެ.