13 Feb 2013, 18:10
ސުލްހަވެރިކަން ނަގާލާ އެއްވުންތައް ރޫޅާލުމަށް އާ ބާރެއް މި އަހަރު ތެރޭ ބޭނުން ކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލަށް އަހުލުވެރި ކުރުވުމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތަށް ފަހު ސަންއަށް މައުލުމާތު ދެއްވަމުން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ އެއްވުންތައް ރޫޅާލުމަށް ޓަކައި ފުލުހުން މަސައްކަތް ކުރާނީ އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ޖަހާ ފެނަށް "އިރިޓެންޓް" އާއި "ޑައި" އަޅައިގެން ކަމަށެވެ.
~
ޝަމީމް ވިދާޅުވީ އިރިޓެންޓަކީ އެއްވުމުގެ ބައިވެރިންނާ ދިމާލަށް ޖަހާ ފެނުގެ ތެރެއަށް އަޅައިގެން ބޭނުން ކުރާ އެއްޗެއް ކަމަށާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެފަދަ ފެން ޖެހުމުން ހަށިގަނޑު ހިރުވައި، ކަހާ ގޮތް ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ފެން ހަށިގަނޑުގައި ޖެހުމުން ކަހާ ގޮތް މެދުވެރިވުމުން، ފެންވަރައިގެން ނޫނީ ހަށިގަނޑުގެ ކެހުން ހައްލު ނުވާނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެއްވުންތައް ރޫޅާލުމަށް އެފަދަ ބާރެއް ފުލުހުން ބޭނުން ކުރަން ނިންމީ އިރިޓެންޓް ފެން ޖެހުމުން ވަގުތީ ގޮތުން އެ ސަރަހައްދު ދޫކޮށްލަން އެއްވުމުގެ ބައިވެރިންނަށް މަޖުބޫރުވާނެތީ ކަމަށެވެ.
"އެފަދަ އެއްޗެއް ބޭނުން ކުރުމުން އެއްވުމުގެ ބައިވެރިން ވަގުތީ ގޮތުން އެ ސަރަހައްދު ދޫކުރަން މަޖުބޫރުވާނެ. އަދި ފެންވަރައިގެން ހަށިގަނޑު ދޮވެގެން ނޫނީ ގައި ހިރުވުމުން ސަލާމަތް ނުވާނެ،"ޝަމީމް ވިދާޅުވި އެވެ.
އެއްވުންތައް ރޫޅާލުމަށް ޖަހާ ފެނުގެ ތެރެއަށް ކުލަ އެކުލެވޭ "ޑައި" އެޅުމަށް ނިންމާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ޝަމީން ވިދާޅުވީ އެއްވުންތަކާ ދެކޮޅަށް ޑައި ކުލަ ޖަހަނީ މުޒާހަރާއެއްގައި ހަމަނުޖެހުން އުފައްދައި ތަންތަނަށް ގެއްލުންދޭ މީހުން ފިލާފާނެތީ އެ މީހުން ދެނެގަތުމަށް ޓަކައި ކަމަށެވެ. އަދި އެފަދަ ކުލަ ޖެހުމުން ދެތިން ދުވަސް ވަންދެން ހަށިގަނޑުން ކުލަ ނުފިލައި، ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުލްހަވެރިކަން ނަގާލާ އެއްވުންތަކާ ދެކޮޅަށް ފުލުހުން އަލަށް ބޭނުން ކުރަން ފަށާ އެއްޗަކީ ނުރައްކާތެރި ނޫން އަދި ގެއްލުމެއް ވެސް އެކުލެވޭ އެއްޗެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ތަހުޒީބީ ގައުމުތަކުގައި ސުލްހަ މަސަލަސްކަން ނަގާލާ އެއްވުންތަކާ ދެކޮޅަށް އެފަދަ ބާރުތައް ބޭނުން ކުރުމަކީ އާންމު ކަމެއް ކަމަށެވެ.
އެއްވެ އުޅުމުގެ ބިލަށް ހޭލުންތެރި ކުރުވުމަށް މިއަދު ބޭއްވި ވޯކްޝޮޕްގައި ފުލުހުންގެ ފަރާތުން ދިން ޕްރެޒެންޓޭޝަނުގައި ޝަމީމް ވިދާޅުވީ މުޒާހަރާތައް ރޫޅާލުމަށްޓަކައި ފުލުހުން ދަގަނޑު މުގުރާއި ލަކުޑި މުގުރު ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ. މިހާރު ފުލުހުން ބޭނުން ކުރަމުން ދަނީ ހަމައެކަނި ރަބަރު މުގުރު ކަމަށް އޭނާ ވިދާޅުވި އެވެ.
ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ގާނޫނަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ހޯމް މިނިސްޓްރީން އިމްތިޔާޒްކޮށްގެން މިއަދު ބޭއްވި ވޯކްޝޮޕްގައި ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުންނަށާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ނޫސްވެރިން މައުލޫމާތު ދެއްވީ ޑިމޮކްރަސީ ހައުސްގެ ވަކީލު މުހައްމަދު އަނިލް އެވެ.
އެއްވެއުޅުމުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށް މިއަދު ބޭއްވި ވޯކްޝޮޕަށް ބޭފުޅުން ވަޑައިގެންނެވީ 16 ސިޔާސީ ޕާޓީތަކުގެ ތެރެއިން ހަތަރު ޕާޓީއަކުންނެވެ. އެއީ ޕީޕީއެމް އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އެވެ.