ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ހައިކޮމިޝަނުގެ ހިމާޔަތަށް އެދިވަޑައިގަންނަވާ ކެމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ އަދި އެނގިވަޑައިނުގަންނަވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ޓައިމްސް ނައު އަށް ދެއްވި އިންޓަވިއުއެއްގައި ސަލްމާން ހޫރުޝީދު ވިދާޅުވީ ރައީސް ނަޝީދު ހައިކޮމިޝަނަށް ވަޑައިގެންނެވީ ހައިކޮމިޝަނަރާ ބައްދަލުކުރައްވަން ކަމަށާއި އެހެން ކަމެއް (ހިމާޔަތަށް އެދިވަޑައިގަންނަވާ ކަމެއް ނުވަތަ ނޫން ކަމެއް) އެނގިވަޑައި ނުގަންނަވާ ކަމަށެވެ.



"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ރާއްޖޭގައި ބައެއް ކަންތައްތައް ދަނީ ހިނގަމުން، ހައިކޮމިޝަނަރާ ބައްދަލު ކުރައްވަން އޭނާ (ރައީސް ނަޝީދު) ބޭނުން ފުޅުވޭ. އޭނާ ހައިކޮމިޝަނަށް ވަޑައިގެންނެވި، އޭރު ހައިކޮމިޝަނަރު ވަޑައިގެން ނޫޅުއްވާ، ހައިކޮމިޝަނަރު ވަޑައިގަންނަން ދެން މަޑުކުރައްވަން، ބޭނުންފުޅު ނަމަ މަޑުކުރައްވަން ވަނީ ދަންނަވާފައި،" ސަލްމާން ވިދާޅު އެވެ.

ހިމާޔަތަށް އެދިވަޑައިގެންފި ނަމަ އިންޑިއާއިން ހިމާޔަތް ދޭނެތޯ ނުވަތަ ނޫންތޯ ސުވާލު ދެންނެވުމުން ސަލްމާން ވިދާޅުވީ އެކަމާ އެއްޗެއް ވިދާޅުވާން އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި ހައިކޮމިޝަނަރު ވަޑައިގެންނެވުމުން އެ ދެ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށާއި ވާގޮތެއް އެނގޭނީ އޭގެ ފަހުން ކަމަށެވެ.

"އެއްވެސް މީހަކު ހިމާޔަތަކަށް ނޭދޭ، އެއްވެސް މީހަކު ހިޔާވަހިކަމަކަށް ނޭދޭ. އެހެންވީމާ އެއްޗެއް ބުނާކަށް އަދި ނޭނގޭ. އެފަދަ ކަމެއް ވެދާނެ ކަމަށް ބަލަން ޖެހޭހެން އަޅުގަނޑަކަށް ހިއެއް ނުވޭ. ހިނގަމުން އެދަނީ ދާހިލީ ގާނޫނީ ކަމެއް. ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން އޭނާ އެދިވަޑައިގެންނެވީ ހައިކޮމިޝަނަރާ ބައްދަލުކުރައްވަން. ދެން ހައިކޮމިޝަނަރު ވަޑައިގެންވުމުން ވާހަކަ ދައްކަވާނެ ކަމަށް ބެލެވެނީ. ދެން އޭގެ ފަހުން އަޅުގަނޑުމެންނަށް އެނގޭނީ." ސަލްމާން ވިދާޅުވި އެވެ.