10 Oct 2010, 04:30
ރ. ހުޅުދުއްފާރުން ކެނޯއެއްގައި އިއްޔެ ކަނޑުމައްޗަށް ނުކުމެ އުޅުނިކޮށް ގެއްލުނު ކުޑަ ތިން ކުދިން އަދި ވެސް ނުފެނެ އެވެ.
ހުޅުދުއްފާރު ކައުންސިލަރު މުހައްމަދު ޒުބައިރު ދެންމެ ވިދާޅުވީ ގެއްލިގެން ހޯދާ އެ ރަށު ފަސާނާ، އަހުމަދު ޖުނައިދު،14 އާއި އެގޭ އިބްރާހިމް ސާދިމް 10 ، އާއި ވައިޓް ރޯސް، އަޝްރަފު،14 ހޯދަން މެދުނުކެނޑި އިއްޔެ އިން ފެށިގެން ސިފައިންނާއި ފުލުހުންނާއި އެ ރަށުގެ ދޯނި ފަހަރާއި އަތޮޅުގެ އެހެން ރަށްރަށުން ދޯނިފަހަރު ކަނޑުމައްޗަށް ނުކުމެ މަސައްކަތްކަތް ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.
"މިހާރު ޑައިވް ކޮށްގެންނާއި އެއާ ޓެކްސީގެ އެހީގައި ވެސް ބަލަމުން އެބަދޭ އަދި ފަޅުރަށްތައް ވެސް ހުއްޓައިނުލާ ބަލަމުންދަނީ. އަދި މިހާތަނަށް ނިޝާނެއް ވެސް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ ހުޅުދުއްފާރު ތިން ކުދިން ގެއްލިގެން ހޯދާއިރު އެ ތިން ކުދިންގެ މައިންބަފައިންގެ ހާލު ވަރަށް ދެރަ ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ނުކުރި ކަމުގައި ވިޔަސް އެމީހުންގެ "ހާލެއްނެތް" ކަމަށެވެ.
"ގާތުގައި އަބަދުވެސް މީހުން ތިބިގެން ހަމައަކަށް އަޅުވައިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުދުއްފާރު ތިން ފިރިހެން ކުދިން ކެނޯގައި ފަލިޖަހާފައި އިއްޔެ ހެނދުނު ނުކުތީ ކައިރީގައި އޮންނަ ގާއުނޑޫދޫއަށް ދާށެވެ. އެ ކުދިން ގެއްލިގެން އެ ކުދިންގެ މައިން ބައިފައިން ރިޕޯޓް ކުރީ ހެނދުނު 9:00ގެ ފަހުންނެވެ. ސިފައިންނާއި ފުލުހުން އަދި ރައްޔިތުން އެ ތިން ކުދިން ހޯދަން ފަށާފައި ވަނީ މެންދުރު 11:00 ޖެހިފަހުންނެވެ.