13 Feb 2013, 17:27
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް އެމަނިކުފާނު ހާޒިރުކޮށްދެވިފައި ނުވާތީ ޝަރީއަތް މިއަދު ކެންސަލް ކޮށްފި އެވެ.
ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރާއެއްގޮތަށް ނަޝީދު ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާތީ މިއަދުގެ ޝަރީއަތް ކެންސަލް ކުރީ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރާން ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނޭ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހާއި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވެސް މިއަދުގެ ޝަރީއަތަށް ހާޒިރުކޮށްފައި ވެއެވެ.
ނަޝީދު ހާޒިރު ނުކުރެވޭތީ ޝަރީއަތް ކެންސަލް ކޮށްފައިވާއިރު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ނަޝީދު ކޯޓަށް ހާޒިރުކުރާން ފުލުހުންގެ މައްޗަށް ކުރި އަމުރު އިސްތިއުނާފު ކުރުމަށް ފުލުހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ޗިޓް ހަވާލު ނުކުރެވޭތީ އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މިއަދު މެންދުރު 12:00 ހާއިރުން ފެށިގެން ނަޝީދު ހުންނެވީ ހައިކޮމިޝްންގެ ތެރޭގަ އެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ނަޝީދު ހައިކޮމިޝަންތެރެއަށް ވަދެވަޑައިގަތީ އެތާނގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކަމަށެވެ.
ހުޅުމާލޭ ކޯޓުގެ ހުއްދައާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް ފަހު އެ މުއްދަތު ހަމަވި އިރުވެސް ނަޝީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ. އެކަމުގެ ސަބަބުން އާދީއްތަ ދުވަހުގެ ހަވީރު ބާއްވަން އުޅުނު ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ އިތުރުން ދައުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކޮށްފައިވާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.