13 Feb 2013, 17:21
ރާއްޖޭގެ ސިޔާސީ މަސްރަހްގައި ކަންތައްތައް ހިނގަމުންދާ ގޮތާމެދު އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބާރަތީޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ބުނެފި އެވެ.
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރައްކާތެރިކަމަށް އެދިފައިވާތީ ބީޖޭޕީގެ ސީނިއާ ލީޑަރެއް ކަމަށްވާ ސުޝްމާ ސްވަރާޖް ވަނީ އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) ޝިވްޝަންކަރު މެނަންއާ އެކަމާ ބެހޭގޮތުން މަޝްވަރާކޮށްފައި ކަމަށް ޒީ ނިއުސްގައި ބުނެފައި ވެއެވެ.
ސުޝްމާއާ ހަވާލާދީ ޒީނިއުސްގައި ބުނެފައިވާގޮތުން އޭނާ ވާނީ ނަޝީދުގެ މައްސަލައާ ބެހޭ ގޮތުން އެންއެސްއޭއާ ވާހަކަ ދައްކާފައި ކަމަށާއި އަދި ސަރުކާރުން އެކަމާ ބެހޭ މައުލޫމާތު ބީޖޭޕީއަށް ފޯރުކޮށް ދިނުމަށް އެދިފައި ވާނޭ ކަމަށެވެ.
ފައިބެ އަހަރު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނަށް ވެދެވަޑައިގެން އެތަނުގެ އެހީއަށް އެދިފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ހައްޔަރު ކުރުމާ ގުޅިގެން ދައުލަތުން ކުރާ ދައުވާއަކަށް ހުޅުމާލޭ ކޯޓަށް ހާޒިރު ކުރުމަށް އެކޯޓުން ނެރެފައިވާ އަމުރަކާއި ގުޅިގެން ފުލުހުން އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން އުޅުމާ ގުޅިގެން ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.