13 Feb 2013, 15:53
ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިފަހައްޓާން މެންޗެސްޓާ ޔުނައިޓެޑްގެ ތިން ކުޅުންތެރީން ބޭނުންވާނެ ކަމަށް އެކްލަބުގެ މިޑްފީލްޑަރު މައިކަލް ކެރިކް ބުނެފި އެވެ.
ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކްލަބުކަމަށްވާ ރެއާލް މެޑްރިޑް މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ނުކުންނާން ޖެހޭނީ އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މިމެޗު ވެގެންދާނީ ޔުނައިޓެޑުން 2009 ވަނަ އަހަރު އަށްޑިހަ މިލިއަން ޕައުންޑަށް މެޑްރިޑާ ގުޅުނު ފަހުން ޔުނައިޓެޑާ ދެކޮޅަށް ރޮނާލްޑޯ ކުޅޭ އެންމެ ފުރަތަމަ މެޗަށެވެ.
"ހުރިހާ އެންމެންނަށް ވެސް ރޮނާލްޑޯގެ ހަނދާންތަކަކާ ދުރަކަށް ނުދޭ. އޭނާ ވަނީ މެޑްރިޑްގައި ވެސް މޮޅު ކުޅުމެއް ދައްކާފައި. އެހެންކަމުން ރޮނާލްޑޯ ހުއްޓުވުމަކީ އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް. އަހަރެމެން އޭނާ ހިފަހައްޓާން ބޭނުންނަމަ ތިން ކުޅުންތެރިޔަކު އެކަމަށް ބޭނުންވާނެ." ކެރިކް ބުންޏެވެ.
ރޮނާލްޑޯއަށް ވަނީ ބާސެލޯނާގެ ލިއޮނެލް މެސީ ވައްޓައިލުމަށް ފަހު، ފާއިތުވި ހަތަރު އަހަރު ފީފާ ބެލޮންޑިއޯ ކާމިޔާބު ކުރުމަށް ނުކުޅެދިފަ އެވެ. ނަމަވެސް ކެރިކް ގަބޫލުކުރާ ގޮތުގައި މެޑްރިޑްގައި ރޮނާލްޑޯ ދައްކަމުންދާ ކުޅުމާއި ދައްކަމުންދާ ހުނަރުތަކަކީ ނުރައްކަލެއް ކަމަށެވެ.
"ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ދަނީ ވަރަށް އަވަހަށް ގޯލްތައް ކާމިޔާބު ކުރަމުން. މެސީގެ ސަބަބުން ރޮނާލްޑޯ އަށް ކިޔަންޖެހޭ ތަޢުރީފްތައް ފަނޑުވެގެން ދިޔަ ނަމަވެސް މެޑްރިޑްގައި އޭނާ ހޯދި ކާމިޔާބީތަކަކީ ތަޢުރީފްކުރުން ހައްގު ކަންތައްތަކެއް. ރޮނާލްޑޯ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް." ކެރިކް ބުންޏެވެ.
ރޮނާލްޑޯގެ ނަން އެންމެ ފުރަތަމަ ވިދާލީ ޔުނައިޓެޑުންނެވެ. އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުނައިޓެޑުން މެޑްރިޑަށް ދޫކޮށްލި ރޮނާލްޑޯ އަށް ލިބުނު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ހަމައެކަނި ޔުނައިޓެޑުގައި ހުރި އިރުއެވެ. މެޑްރިޑްގައި ދަނޑުގައި ޔުނައިޓެޑާއި ދެކޮޅަށް މެޑްރިޑް ނުކުންނަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 12:45 ގައެވެ.