13 Feb 2013, 15:25
އދ. ދަނގެތީގައި އިންޑިއާގެ ޓީޗަރަކަށް ހަމަލާދީ އޭނާ ރޭޕްކުރި މައްސަލައާ ގުޅިގެން އެރަށުން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެރަށުގެ ބައެއް ރައްޔިތުން ސަންއަށް މައުލޫމާތު ދީފި އެވެ.
ސަން އަށް މައުލޫމާތު ދިން މީހުން ބުނީ އެ ރަށުން ހައްޔަރު ކުރީ 18 އަހަރުން މަތީގެ ތިން ޒުވާނުން ކަމަށާއި އޭގެ ތެރެއިން ދެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ މީހުން ކަމަށެވެ.
ދަނގެތިން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ދަނގެތީގައި ރޭޕްކުރި އިންޑިއާގެ ޓީޗަރަށް އިންސާފުހޯއްދަވައި ދެއްވުން އެދި އިންޑިއާގެ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލުން ރާއްޖޭގެ އެކްޓިން ޖެންޑާ މިނިސްޓަރު މަރިޔަމް ޝަކީލާއާ ބައްދަލުކުރެއްވި ކަމަށް އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން މިއަދު ބުންޏެވެ.
ދަނގެތިން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ ރޭ ހިނގި އެ ހާދިސާގައި ރޭޕްކޮށްލާފައި ވަނީ ސީއައިޓީއެމް ކިޔާ ބަޔަކު ހިންގާ ކޮމްޕިއުޓާ ކްލާހެއްގައި ކިޔަވައި ދިނުމަށް އެ ރަށަށް ގޮސް ހުރި އަންހެން ޓީޗަރެއް ކަމަށެވެ. އަދި އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާއާ އެކު އެގޭގައި އުޅުނު މީހުން އެގޭގައި ނެތިސް ކަމަށް ވެސް ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އޭނާ ނުބުނެ އެވެ.
އެމައްސަލައިގާ އެ ރަށުން ތިން ޒުވާނުން ހައްޔަރުކޮށްފައިވާކަން އެ ރަށު ކައުންސިލުގެ ރައީސް ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
"އެ ހާދިސާ ހަމަ ހިނގި ދުވަހު، އެކަމާ ގުޅިގެން މި ރަށުން ހަތަރު މީހުން ހައްޔަރު ކުރި، އޭގެ ތެރެއިން އެކަކު އެ ދުވަހުގެ ރޭ ދޫކޮށްލި، އޭގެ ތެރެއިން ތިން މީހުން ހައްޔަރު ކުރީ ރަށުތެރެއިން އަނެއް މީހާ ހައްޔަރުކުރީ ކަނޑުމަތިން، ފުލުހުންގެ ލޯންޗެއްގައި ގޮސް ހައްޔަރުކުރީ،" ދަނގެތީ ކައުންސިލްގެ ރައީސް އާޒިމް އާދަމް ވިދާޅުވި އެވެ.
ދަނގެތިން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި ވޭތުވެދިޔަ ދެ ތިން ރޭ ވަނީ އެ ރަށުގެ ގޭގެއިން ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ފުލުހުން އެ ރަށުގައި ތިބޭ އިރު ވެސް އެކަން ކަން ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށް އެ ރަށު މީހުން ބުނެ އެވެ.