އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ފިކުރީ މުދަލުގެ ހައްގުތައް) ރައްކާތެރި ކުރުމާ ބެހޭ ބިލެއް އަވަސް މުސްތަގުބަލެއްގެ ތެރޭގައި މަޖިލީހަށް ވައްދާނޭ ކަމަށް ރާއްޖޭގެ އިގްތިޞާދީ ވަޒީރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ ބިލެއް ކުރިއަށް އޮތް ހައެއްކަ މަސް ދުވަސް ތެރޭގައި މަޖިލީހަށް ވައްދާނޭ ކަމަށް މިނިސްޓަރު ވިދާޅުވީ، ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) އިން އިންތިޒާމްކޮށްގެން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުމާ އެކު ޖަޕާނުގެ ޕޭޓަންޓް އޮފީހުގެ އެހީތެރިކަމާ އެކު ނަސަންދަރު ޕެލަސް ހޮޓެލްގައި މިއަދު ފެށުނު "ރީޖަނަލް ވޯކްޝޮޕް އޮން ބިލްޑިން ރެސްޕެކްޓް ފޯ އިންޓަލެކްޗުއަލް ޕްރޮޕަޓީ" ދެ ދުވަހުގެ ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖޭގައި މިވަގުތު އޮތީ ކޮޕީ ރައިޓް ގާނޫނެއް އެކަނި ކަމަށާއި އެހެންކަމުން އެފަދަ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އެބަދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން މިދަނީ އެފަދަ ގާނޫނެއް އެކުލަވާލާނީ އެއްފަހަރާތޯ ނުވަތަ ވަކިވަކި ކޮށްލާފައި ހުށަހަޅާނީތޯ. އޭގެ ތެރޭގައި މިހިމެނެނީ ޓްރޭޑްމާކް، ޕޭޓެންޓް، ޖޯގްރޮފިކަލް އިންޑިކޭޝަންސް ފަދަ ވަކިވަކި ގާނޫނުތަކަކަށް ހެދިދާނެ ގާނޫނެއް،" އިގްތިޞާދީ މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއްފަހަރާ އިންޓަލެކްޗުއަލް ޕްރޮޕަޓީގެ ގާނޫނެއް އައުމުން އެއަށް އަމަލުކުރުމަށް ގައުމުތަކަށް ދަތިތަކެއް ކުރިމަތި ވެދާނޭ ކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި ރާއްޖޭގެ މިފަދަ ފިކުރީ މުދާތައް ރައްކާތެރި ކުރުމަށް ޓަކައި ޖޯގްރަފިކަލް އިންޑިކޭޝަންސްއާ ބެހޭ ގާނޫނެއް ރާއްޖެއަށް މިވަގުތު ވަރަށް މުހިއްމު ކަމަށެވެ.

"ރާއްޖެ މިހާރު ހަމަ އެކަނި ނަމެއް ނޫން. ރާއްޖެއަކީ ބްރޭންޑެއް ވެސްމެ. އެހެން ކަމުން ރާއްޖޭގެ މި ބްރޭންޑް ރައްކާތެރި ކުރުމަށްޓަކައި މިދެންނެވި ގާނޫނީ އޮނިގަނޑު އެބަ އަންނަން ޖެހޭ. ބޭރުގެ ބައެއް ގައުމުތަކުގައި ރާއްޖޭގެ ނަމުގައި މޯލްޑިވްސް ކިޔާ ހޮޓާތައް ހެދިފައި އެބަހުރި. މޯލްޑިވްސް ކިޔާ މިއުޒިކް ބޭންޑެއް އެބައޮތް... މޯލްޑިވް ފިޝް އެ ނަމުގައި ވެސް ބާވަތްތައް ހަދައިގެން ބޭރުގެ ގައުމުތަކުން އެހެން ގައުމުތަކަށް އެބަ ވިއްކާ. އެ ނަމަކީ އަޅުގަނޑުމެންގެ އިންޓަލެކްޗުއަލް ޕްރޮޕަޓީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ "ނަން" އެގޮތަށް ބޭނުންކުރާ ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ދައްކަން ޖެހޭ ރޯޔަލިޓީއެއް ނުވަތަ ޕޭޓަންޓް ފީއެއް އޮތް ނަމަ އެ މަންފާއެއް ރާއްޖެ އަށް ލިބެން ޖެހޭނެ ކަމަށެވެ. އެގޮތުން ޖޯގްރަފިކަލް އިންޑިކޭޝަނާ ބެހޭ ގާނޫނެއް ރާއްޖޭގައި މިވަގުތު ނެތުމުން އެކަންތައް ހުއްޓުވުމަށް ދަތިތަކެއް އެބަ ހުރި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އެކުލަވާލެވެމުންދާ ގާނޫނުގައި ހިމެނޭ ބައިތަކުގެ ތެރެއިން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅާނީ ޖޯގްރަފިކަލް އިންޑިކޭޝަން އާ ބެހޭ ގާނޫނު އެކުލަވައިލުމުގެ ބިލް ކަމަށާއި އެއަށް ފަހު ޓްރޭޑް މާކްގެ ބިލް ކަމަށެވެ. އަދި މި ގާނޫނުތަކުގެ ބިލްތައް އެކުލަވާލެވިފައި ހުރީ ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަންގެ ފުރިހަމަ ފަންނީ އެހީތެރިކަމާ އެކުގައި ކަމަށެވެ.