13 Feb 2013, 13:36
ޔޫރަޕްގެ އަންހެނުން އާއްމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރަން ފެށީ މީގެ 30 ނުވަތަ 40 ވަރަކަށް އަހަރު ކުރިންނެވެ.
މާރީތި ފެޝަނަކަށް ވެގެން އޭރު ފެށި އެ އަމަލުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ޔޫރަޕްގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދަނީ އެނގެމުންނެވެ. ޔޫރަޕްގެ ސިއްހީ މާހިރުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އެ ބައްރުގެ ގައުމުތަކުގައި އުރަމަތީގެ ކެންސަރުޖެހިގެން މަރުވާ އަންހެނުންނާ އެއްވަރުގެ ގާތްގަނޑަކަށް އަދަދެއްގެ އަންހެނުން މިހާރު ފުއްޕާމޭގެ ކެންސަރުގައި ވެސް މަރުވެ އެވެ.
އެކަން މިހާރު އިނގިރޭސިވިލާތާއި ޕޮލެންޑްގައި ވެސް އޮތީ އެހެން ކަމަށާއި އޭގެ ސަބަބަކީ 1960 އާއި 1970ގެ އަހަރުތަކުގައި އަންހެނުން ދުންފަތުގެ އިސްތިއުމާލް ކުރަން ފެށުމުގެ ނަތީޖާ ކަމަށް އެނަލްސް އޮފް އޮންކޮލޮޖީ މަޖައްލާއާ ހަވާލާދީ ބީބީސީ ބުންޏެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ޔޫރަޕްގައި މި އަހަރު އުރަމަތީގެ ކެންސަރުގައި މަރުވާނެ ކަމަށް ބެލެވެނީ 8886 މީހުން ކަމަށްވާ އިރު ފުއްޕާމޭގެ ކެންސަރުގައި 82640 މީހުން މަރުވާނެ ކަމަށް ބެލެވެ އެވެ.
ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވާ މީހުން އަދަދު 2015 ވަނަ އަހަރު، އުރަމަތީގެ ކެންސަރު ޖެހިގެން މަރުވާ މީހުންނަށް ވުރެ އިތުރުވާނެ ކަމަށް ދިރާސާކުރެއްވި ޕްރޮފެސަރު ކާލޯ ލަވެޗިއާ ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ.
ޕްރޮފެސަރު ކާލޯ ވިދާޅުވާ ގޮތުން މިހާރު މިކަން މިހެން އޮތަސް މަދު އަހަރުތަކެއްގެ ތެރޭގައި އެކަން ބަދަލުވާނެ އެވެ.
އެއީ އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ ޔޫރަޕްގެ އަންހެނުން މަދުވަމުންދާތީ އެވެ.
ދިރާސާގައި ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމެއްގެ ތަފާސްހިސާބުތަކަށް ބަލާފައިވެ އެވެ.