އިދާރީ ގޮތުން ރަށްތައް ގުޅުވައިލުމަށް ވޯޓު ނެގި 105 ރަށުގެ ތެރެއިން މިރޭ 12:00 ޖެހުމާ ހަމައަށް ވަގުތީ ނަތީޖާ އިއުލާނުކުރި 101 ރަށުގެ ތެރެއިން 12 ރަށެއް ފިޔަވައި އެއްވެސް ރަށަކުން އިދާރީ ގޮތުން ގުޅުވައިލުމަށް އާނބަހެއް ނުދިނެވެ. 


މީގެ އިތުރުން ސަރުކާރުން ސިޓީ ކައުންސިލް ހަދަން ބޭނުންވި އައްޑު އަތޮޅާއި ކުޅުދުއްފުށީގައި ވެސް ސިޓީ ކައުންސިލް ގާއިމު ކުރުމަކަށް ވޯޓު ދިން މީހުންގެ ތާއީދު ވަނީ ނުލިބިފަ އެވެ.  


ސިޓީ ކައުންސިލް ހަދަން ހދ. ކުޅުއްދުއްފުއްޓާ ގުޅުވައިލުމަށް ވޯޓު ނެގި، ކުޅުދުއްފުއްޓާއި ނޮޅިވަރާމާއި ނޮޅިވަރަންފަރާއި ކުމުންދޫ މީހުންގެ ތެރެއިން ވޯޓު ދިން 627 މީހުން ބުނެފައި ވަނީ ސިޓީ ކައުންސިލް ހަދަން ބޭނުން ނުވާ ކަމަށެވެ. އެކަމަށް ތާއީދު ކޮށްފައި ވަނީ 608 މީހުންނެވެ. އެ ޒޯނުގައި ވޯޓުލި ކުޅުދުއްފުށި ފިޔަވައި އަނެއް ތިން ރަށުގެ މީހުން ވެސް ބުނެފައި ވަނީ ކުޅުދުއްފުއްޓާ ގުޅެން ބޭނުން ނުވާ ކަމަށެވެ.


ކުޅުދުއްފުށީގެ 548 މީހުން ސިޓީ ކައުންސިލަށް ތާއީދު ކުރިއިރު އެކަމަށް އެ ރަށުގެ 131 މީހުން ނޫނެކޭ ބުނެފައިވެ އެވެ. އަނެއް ތިން ރަށުގެ ތެރެއިން ސިޓީ ކައުންސިލަށް ތާއިދުކޮށްފައި ވަނީ ޖުމްލަ 60 މީހުނެވެ. ނޫނެކޭ ބުނެފައި ވަނީ 496 މީހުނެވެ.


ސިޓީ ކައުންސިލް ހަދަން ސަރުކާރުން ބޭނުންވި އައްޑު އަތޮޅުގެ މުޅި ވޯޓުގެ ނަތީޖާއަށް ބަލާއިރު 2165 މީހުން ވޯޓު ދީފައި ވަނީ އެއްކޮށްލަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ބުނެފައި ވަނީ 1906 މީހުންނެވެ. އެ އަތޮޅުގެ ފޭދޫ އާއި މީދޫ ފިޔަވައި އެހެން ރަށްރަށުން ސިޓީ ކައުންސިލަށް ތާއީދުކޮށްފައިވެ އެވެ. އެ ދެ ރަށުން ކައުންސިލަށް ތާއީދެއް ނުކުރެ އެވެ.


ވޯޓު ނެގި 17 އަތޮޅުގެ ތެރެއިން ދ. އަތޮޅުގެ ވާނީ އާއި މާއެނބޫދޫ ގުޅުވައިނުލުމަށް ޖުމްލަ 149 މީހުން ވޯޓު ދިން އިރު ގުޅުވައިލަން ތާއީދު ކުރީ 91 މީހުނެވެ. ނ. އަތޮޅުގެ 11 ރަށެއް އިދާރީ ފަސް ރަށެއްގެ ގޮތުގައި ގުޅުވައިލުމަށް ނެގި ވޯޓުގައި 1266 މީހުން ނޫނެކޭ ބުނިއިރު އެކަމަށް ތާއީދު ކުރީ 616 މީހުނެވެ. މި އަތޮޅުގެ މަނަދޫ ފިޔަވައި އެހެން ހުރިހާ ރަށަކުން ބުނެފައި ވަނީ ގުޅުވައިލަން ބޭނުން ނޫން ކަމަށެވެ.


ތ. އަތޮޅުގެ އިދާރީ ތިން ސަރަހައްދަކަށް ހަތްރަށެއް ގުޅުވައިލަން ނެގި ވޯޓުގައި 1007 މީހުން ނޫނެކޭ ބުނެފައިވެ އެވެ. ތާއިދު ކުރީ 292 މީހުނެވެ.  ފ.ގެ ހަތަރު ރަށެއް ދެ ސަރަހައްދަކަށް ގުޅައިލަން  ނެގި ވޯޓުގައި 162 މީހުން އާނއެކޭ ބުނި އިރު 674 މީހުން ބުނެފައި ވަނީ ނޫނެކޭ އެވެ.


ށ. އަތޮޅުގެ އަށް ރަށެއް ހަތަރު ސަރަހައްދަކަށް ބަހައިލުމަށް ވޯޓު ނެގި އިރު 1379 މީހުން ގުޅުވައިލަން އެއްބަސް ނުވި އިރު އެއްބަސްވީ 604 މީހުންނެވެ. އއ. އަތޮޅުގެ ހަތަރު ރަށެއް ދެ ސަރަހައްދަކަށް ބަހައިލަން ވޯޓު ނެގުމުން 387 މީހުން ބުނީ ނޫނެކޭ އެވެ. އާނބަސް ދީފައި ވަނީ 128 މީހުންނެވެ.


ރ. އަތޮޅުގެ ހަތް ރަށެއް ތިން ސަހައްދަކަށް ބަލަން ވޯޓު ނެގި އިރު 662 މީހުން ގުޅައިލަން ބޭނުން ނުވިއިރު 337 ގުޅައިލަން ބޭނުން ކަމަށް ވޯޓު ދީފައި ވެ އެވެ. އދ. އަތޮޅުގައި ހަ ރަށެއް ތިން ސަރަހައްދަކަށް ގުޅައިލުމުގެ ވޯޓުގައި 715 މީހުން ދެކޮޅު ހެދި އިރު، 342 މީހުން ބުނެފައި ވަނީ އެންމެ ރަނގަޅު ކަމަށެވެ. މި އަތޮޅު އޮމަދޫގައި ނެގި ވޯޓުގައި ގުޅައިލުމަށް އަޣުލަބިއްޔަތު ލިބުނެވެ.


މ. އަތޮޅުގައި ތިން ސަރަހައްދަކަށް ހަރަށެއް ގުޅައިލަން ފެނޭތޯ ބަލަން ވޯޓު ނެގުމުން 873 މީހުން ނޫން ބަސް ބުނި އިރު 426 މީހުން ރުހުން ދީފައިވެ އެވެ.


ހއ. ގެ ހަތަރު ސަރަހައްދަކަށް ނުވަރަށެއް ގުޅުވަން ވޯޓު ނެގުމުން އެކަމަށް 1229 މީހުން އެއްބަހެއް ނުވި އެވެ. އާނއެކޭ ބުނީ 277 މީހުންނެވެ. ކ. އަތޮޅުގެ ހިންމަފުއްޓާއި ހުރާ ގުޅައިލަން ވޯޓު ނެގި އިރު 561 މީހުން ބުނެފައި ވަނީ ދެރަށް ގުޅައިލަން ބޭނުން ނުވާ ކަމަށެވެ. ގުޅައިލަން ބޭނުން ކަމަށް ވޯޓު ދީފައި ވަނީ 70 މީހުންނެވެ.


ވ. އަތޮޅުގެ ތިން ރަށެއް ގުޅައިލަން ކަނޑައަޅާފައިވާއިރު ވޯޓުގައި 427 މީހުން ބުނެފައި ވަނީ ނޫން ކަމަށެވެ. އާނބަސް ދީފައި ވަނީ 104 މީހުންނެވެ. ލ. އަތޮޅުގެ އަށް ރަށެއް ހަތަރު ސަރަހައްދަކަށް ބަހައިލަން ނެގި ވޯޓުގައި 1219 މީހުން އެކަމާ އެއްބަހެއް ނުވެ އެވެ. އަދި  ގުޅައިލަން ބޭނުން ކަމަށް ތިބީ 516 މީހުންނެވެ.


ގއ. ހަތަރު  ރަށެއް ދެ ސަރަހައްދަކަށް ގުޅާލާ އިރު 696 މީހުން ނޫން ކަމަށް ބުންޏެވެ. އާނއެކޭ ބުނެފައި ވަނީ 158 މީހުންނެވެ. ބ. އަތޮޅުގައި 10 ރަށެއް  ހަތަރު ސަރަހައްދަކަށް ގުޅައިލަން ވޯޓު ނެގުމުން 1086 މީހުން ވޯޓު ދިނީ ގުޅައިލަން ބޭނުން ނުވާ ކަމަށެވެ. އަދި 668 މީހުން ބޭނުންވީ ގުޅައިލާށެވެ.


މިރޭ 12:00 ޖެހުމާ ހަމައަށް ވަގުތީ ނަތީޖާ ޝީޓު އާންމުކުރި ރަށްތަކުގެ ތެރޭގައި ނ. ޅޮއްސާއި އއ. ފެރިދޫ އާއި. ށ. ފިނޭއާއި ށ. ކޮމަންޑޫގެ ނަތީޖާ ނުހިމެނެ އެވެ.


ހިޔާލު ހޯދުމުގެ ވޯޓް ނުނަގާ އަތޮޅުތަކަކީ މާލޭގެ އިތުރުން ޅ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކެވެ.


ރަށްތައް ގުޅާލުމުގެ އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށް ކަނޑައަޅާއިރު، ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ދެ ރަށެއްގައި އެއް އިދާރީ އޮފީހެއް އުފައްދާއިރު، އެ ދެ ރަށުގެ މީހުން އެކަމުގައި ބޭނުންވާ ގޮތް ބެލުމަށް ދެ ރަށުގައި ވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި ދެ ރަށުން ވެސް އަޣުލަބިއްޔަތު ލިބުނީމަ ނޫނީ، އިދާރީ ގޮތުން ދެ ރަށް ގުޅުވާލަން ސަރުކާރުން ނޭދޭ ކަމަށެވެ.


އެގާރަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 99 ރަށެއް އިދާރީ 64 ރަށެއްގެ ގޮތުގައި ގުޅާލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.