13 Feb 2013, 12:33
ރާއްޖެއާއި ޕާކިސްތާން ރޭ ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކީ ރާއްޖެއަށް މޮޅުވުން ހައްގު މެޗެއް ކަމަށް ގައުމީޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ ރޭގެ މެޗަކީ ދޭއް ސުމެއްގެ ނަތީޖާއަކުން ރާއްޖޭގެ ޓީމު މެޗު ކާމިޔާބު ކޮށްގެން ނިމެން ޖެހޭ މެޗެއް ކަމަށާއި އެހެން ނަމަވެސް ރެފްރީ އެލަނޑު ހުއްދަ ނުކުރުމުން މެޗުގެ ނަތީޖާއަށް އަސަރު ފޯރީ ކަމަށެވެ. އަދި މެޗުގެ ގިނަވަގުތުތަކުގައި ބޯޅަ ކޮންޓްރޯލްކޮށް ގިނަ ޕާސްތަކެއް ޖައްސައި އަދި ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް މޮޅުކުޅުމެއް ރާއްޖޭ ޓީމުން ދެއްކި ކަމަށެވެ.
އަދި އޭނާ ވަނީ ޕާކިސްތާނު ޓީމުގެ ކުޅުމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން އުރުބާނީ ބުނީ ބާކިސްތާނުން ކުޅުނީ ފުޓްބޯޅަ ނޫން ކަމަށާއި އެމީހުން ހިލޭ ޖެހުމުންނާއި ކޯނަރުން ފުރުސަތިތަކެއް ތަނަވަސް ކުރި ކަމަށެވެ. އަދި ފުޓްބޯޅައިގައި ރަނގަޅު ގޭމެއް ނުކުޅޭ ޓީމަށްވެސް ބައެއްފަހަރު ކާމިޔާބު ލިބޭކަމަށާއި އެއީ "އެކުޅިވަރުގެ ރީތިކަން" ކަމަށެވެ.
ރޭގެ މެޗު ރާއްޖޭގެ ޓީމުން މެޗުފެށީ އަނިޔާގެ ސަބަބުން ކުޑަ ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުރި ކެޕްޓަން އަޝްފާގު (ދަނގަޑޭ) ފުރަތަމަ އެގާރައިގާ ނުހިމަނަ އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ގައުމީޓީމަށް ތަރުހީބުދެމުން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ލަނޑެއް ކާމިޔާބު ކުރާނޭ ދެތިން ފުރުސަތެއް ތަނަވަސް ކުރި ކަމުގައި ވީނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
މެޗުގެ ދެވަނަ ހާފަށް ދަގަނޑޭ ނެރުމާއެކު ރާއްޖޭގެ ކުޅުން ވަރުގަދަ ވެގެން ދިޔަތަން ފެނުނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން 47 ވަނަ މިނިޓުގައި ދަގަނޑޭ ތަނަވަސް ކޮށްދިން ފުރުސަތަކުން މަރުތަޅު މުގުރާލައި މެޗުގެ ކުރި ރާއްޖޭގެ ޓީމަށް ހޯދައި ދިނީ އަސަދުﷲ އަބްދުﷲ ބޮލުންޖައިގެން ޕާކިސްތާނު ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.
އަސަދުﷲގެ ލަނޑަށްފަހުވެސް ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކުރަމުން ދިޔަ ރާއްޖޭގެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ޕާކިސްތާނުގެ ގޯލަށް ފޮނުވާލާފަ އެވެ. އެގޮތުން ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެން އެރި ހަސަން އަދުހަމް ވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޕާކިސްތާނުގެ ޑިފެންޑަރު ކަޓުވާލުމަށްފަހު އޭރިޔާތެރެއަށް ވަދެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެ އެވެ. ކީޕަރުގައިގަ ޖެހިފަ ބޭރަށް ނުކުތް ބޯޅަ އެޕްޓަން އަޝްފާގު ވަނީ ގޯލްތެރެއަށް ވައްދާލާފަ އެވެ. އެހެން ނަމަވެސް ރެފްރީ އޭރުވަނީ ރާއްޖޭ ކުޅުންތެރިޔަކު ޕާކިސްތާނުގެ ކުޅުންތެރިއަކަށް ފައުލް ކުރިކަމަށް ނިންމައި ކަށިގަނޑު ފުމެފަ އެވެ.
ޕާކިސްތާނުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ ފަހުހާފުގެ އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުގައި އެޓީމަށް ލިބުނު ކޯނަރެއް، ރާއްޖޭގެ ގޯލްތެރެއަށް ބޮލުން ފޮނުވާލައިގެން އެޓީމުގެ ޔައުގޫބު އީޖާޒް އެވެ.
މެޗަށްފަހު ޕަކިސްތާނުގެ ސާބިއާ ކޯޗް ޒާވިއާ މިލޯސެވިޗް ބުނީ އޭނާގެ ޓީމުން ހިތްހަމަޖެހޭ ވާދަވެރި މެޗެއް ކުޅުނު ކަމަށެވެ. އަދި އޭނާ ބުނީ ހަފްތާއެއްގެ ތެރޭގައި ކައިރި ކައިރީގައި ވަރުގަ ދެމެޗް ކުޅުމަށްފަހު ތިންވަނަ މެޗެއް ކުޅެން ޖެހުމުން ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލި ވެފައި ކަމަށާއި އެހެން ނަމަވެސް ރޭގެ މެޗުގައި އޭނާގެ ޓީމުން ވަނީ ރޫހާއި ޖޯޝްހުރި ގޭމެއް ކުޅެފައި ކަމަށެވެ.
ޕާކިސްތާނާއި ރާއްޖެ ބައްދަލުކުރާ އެކުވެރިކަމުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00ގަ އެވެ. މެޗުގެ ޓިކެޓުގެ އަގުތަކީ ގޮނޑިބަރިން 35 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އެވެ.